އިންޑިއާގެ ޖީއެމްއާރްއަށް ރާއްޖޭގެ މައި އެއަރޕޯޓު ވިއްކާލުން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ މިހެން ވިދާޅުވީ، އެއަރޕޯޓްތަކުގެ 100 އިންސައްތަ ހިއްސާ ބޭރު ފަރާތްތަކަށް ދެވޭގޮތަށް ސަރުކާރުން ގެނައި އިޞްލާހަށް ފާޑުވިދާޅުވަމުންނެވެ. ދުންޔާ ވިދާޅުވީ، ޖީއެމްއާރްއަށް އެއަރޕޯޓު ވިއްކާލުން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެކަމަށާއި، ކުރީގެ ތަޖުރިބާތަކުން ފިލާވަޅެއް ލިބިގަންނަނީ ދެވަނަ ފަހަރަށް އެކަން ތަކުރާރުވިޔަ ނުދިނުމަށްކަމަށެވެ.
ދުންޔާ ވިދާޅުވީ، ރާއްޖެއަށް ވަންނަ ދޮރާށިތައް ބިދޭސީންނަށް ވިއްކާލާ، ގައުމަށް މީހުން ވަދެ ނިކުތުމުގެ ބާރު ބޭރުގެ ބައެއްގެ އަތްމައްޗަށް ދޫކޮށްލައިފިނަމަ، އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިގުލާލު ވެއްޔާއި މޮޑެވިގެންދާނެކަމަށެވެ.
ޖީއެމްއާރްއަށް އެއަރޕޯޓު ވިއްކާލުން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ! ކުރީގެ ތަޖުރިބާތަކުން ފިލާވަޅެއް ލިބިގަންނަނީ ދެވަނަ ފަހަރަށް އެކަން ތަކުރާރުވިޔަ ނުދިނުމަށް!
— Dunya Maumoon (@dunyamaumoon) June 14, 2021
އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް ބޭރުގެ %100 ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭގޮތަށް ސަރުކާރުން ގެނައި އިޞްލާހާއި ގުޅިގެން ސަރުކާރަށް އަމާޒުވި ފާޑުކިޔުމާއި ޕްރެޝަރާއި ގުޅިގެން ރޭ އިކޮނޮމިކް ފައްޔާޒް އިސްމާޢީލް ވަނީ މީޑިއާއި ބައްދަލުކޮށް، ރާއްޖޭގެ އެއްވެސް އެއަރޕޯޓެއް ބޭރުގެ ބަޔަކަށް ހިންގަން ނުދޭނެކަމަށް ވިދާޅުވެފައެވެ.
ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން ގެޒެޓުކުރި އިސްލާހުގައި ބުނެފައިވަނީ، ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް ބޭރުގެ %100 ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެކަމަށެވެ. އަދި އެއާޕޯޓު ހިންގުމާއި އޮޕަރޭޓު ކުރުން (ޓާމިނަލް ފެސިލިޓީސް ހިމެނޭހެން)، އެއާޕޯޓު އަދި އެއާޓްރެފިކް ކޮންޓްރޯލު މަސައްކަތް އަދި ގްރައުންޑް ސާވިސް ހިދުމަތް ދިނުމަށްވެސް%100 ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށްވެސް އިސްލާހުގައިވެއެވެ.
އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ދިވެހި ދައުލަތަށް ގެއްލުންވާގޮތަށް ޖީ.އެމް.އާރު ކުންފުންޏަށް ކުއްޔަށްދީފައިވަނީ ރައީސް ނަޝީދުގެ ސަރުކާރުންނެވެ.
ނަޝީދުގެ ވެރިކަމަށްފަހު މިކަމުގެ އެގްރީމެންޓު ދިވެހިސަރުކާރުން އުވާލުމާގުޅިގެން، ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ހޯދުމަށް ޖީއެމްއާރުން ދިވެހި ދައުލަތުގެމައްޗަށް ދައުވާކުރިއެވެ. އެހެންނަމަވެސް މިމައްސަލަ ބެލި ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމީ، ދިވެހި ސަރުކާރުން ޖީ.އެމް.އާރު ކުންފުންޏަށް ދޭން ޖެހޭނީ 250 މިލިއަން ޑޮލަރު ކަމަށެވެ.
އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ޖީ.އެމް.އާރު ކުންފުންޏަށް ކުއްޔަށްދީފައިވަނީ 28 ޖޫން 2010 ގައެވެ. އެގްރީމެންޓް ނިމުމަކަށް ގެނެސްފައިވަނީ 27 ނޮވެމްބަރު 2012 ގައެވެ.
ކޮމެންޓު ފޮނުވާ