މިހާރު ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ އެއްވެސް އެއަރޕޯޓެއް ޕްރައިވެޓައިޒް ނުކުރާނެ ކަމަށާއި އެފަދަ އެއްވެސް އެއްބަސްވުމެއް ހަދަން ދިންމާފައިވެސް ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް، އެފްޑީއައި ޕޮލިސީއަށް ގެނެސްފައިވާ އިސްލާހާއި ގޫޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ ނޫސް ކޮންފަރެންސްގައި މިނިސްޓަރ ވިދާޅުވީ އަލަށް ރާއްޖޭގައި ތަރައްޤީކުރުމަށް ހުޅުވާލާފައިވާ އެއަރޕޯޓްތަކަށް 100 އިންސައްތަ އަމިއްލައަށް ތަރައްގީކޮށް އޮޕަރޭޓްކުރުމަށް ބޭރުގެ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުން ގެންދާކަމަށެވެ. އަދި މި އެއަރޕޯޓްތައް ތަރައްގީ ކުރުމަށް ބޭރުގެ އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
ރީޖަނަލް އެއަރޕޯޓްސް ކުންފުނި އެއްވެސް ބޭރުގެ ފަރާތަކަށް ވިއްކާލުމުގެ އެއްވެސް ޝައުގުވެރިކަމެއްވެސް ވިސްނުމެއްވެސް ނެތްކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
"މި ދަންނަވަނީއޭ އިންޑިއާ އަކަށެއް ނޫނީ އެެހެން ބަޔަކަށް އަޅުގަނޑުމެންގެ އެއާޕޯޓެއްގެ އެންމެ ހިއްސާއެއްވެސް ވިއްކުމުގެ ވިސްނުމެއްވެސް ނިޔަތެއްވެސް އެއްވެސް އެއްޗެއް ނެތޭ"
– ފައްޔާޒް
އެފްޑީއައިއަށް މިވަގުތު ބަދަލު ގެނައި ސަބަބު ސާފުކޮށްދެމުން ފައްޔާޒް ވިދާޅުވީ އެއީ ވިޔަފާރިއާއި އިގްތިޞާދަށް ޖާގަ ދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.
"މިއީ އެހާ ބިރުވެރިކަމަކަށް ވާނަމަ ދިވެހިންނަށް ވެސް އެއާޕޯޓް ހިންގުމުގެ ފުރުސަތު ނުދެއްވަން ވީނޫންތޯ. ދިވެއްސަކު ހިންގާ އެއާޕޯޓެއްގައި ވެސް ފަހަތުގައި ބޭރު މީހުން ތިބެދާނެ ނޫންތޯ."
– ފައްޔާޒް
ފައްޔާޒް ވިދާޅުވީ ދިވެހި ކުންފުންޏަކުން ހިންގާ އެއަރޕޯޓައްގައިވެސް، އެއަރޓްރެފިކް ކޮންޓްރޯލް ހިދުމަތާއި، އެއަރޕޯޓް ސެކިއުރިޓީއާއި، ކަސްޓަމާއީ އިމިގްރޭޝަންގެ ހިދުމަތް ދޭނީ ދިވެހި ދައުލަތުން ކަމަށެވެ.
ކޮމެންޓު ފޮނުވާ