ހެލްތު މިނިސްޓަރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ނަސީމް އައްޔަންކުރައްވީ އިންޑިޔާއިން ތައްޔާރުކުރާ ވެކްސިން ދިވެހިންގެ ގަޔަށް ޖެހުމަށް ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެ ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ނަސީމަށް މިނިސްޓަރުކަން ދިނީ ވަރަށް ނުބައި އަޑިނޭގޭ ކަންތައްތަކެއް އެކަމުގައި އޮތުމުން ކަމަށެވެ. ނަސީމަކީ ކޮންމެ ފަދަ ކަމެއްވެސް ކުރަން ފަސްނުޖެހޭ ބޭފުޅަކަށްވާއިރު، ސަރުކާރަށް ވިސްނުނީ މިދަނޑިވަޅަކީ ނަސީމުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނެ ވަގުތުކަމަށެވެ.
ސަރުކާރުން މިހާރު ތައްޔާރުވަމުންދަނީ އިންޑިޔާއިން ތައްޔާރުކުރަމުންދާ ވެކްސިން ދިވެހިންގެ ގަޔަށް ޖެހުމަށްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މިކަން ކުރަން ކެރިވަޑައިގަންނަވާނީ މީގެ ކުރިންވެސް މިފަދަ ކަންކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެބޭފުޅަކީ މިއަދު ހެލްތު މިނިސްޓަރުގެ މަޤާމަށް އައްޔަން ކުރެއްވި އަހުމަދު ނަސީމް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ނަސީމް އައްޔަންކުރީ އިންޑިޔާއިން މިތައްޔާރުކުރާ ވެކްސިން ދިވެހިންގެ ގަޔަށް ޖަހަން. އެގޮތްހޯދެން އޮތީ ކެރަފާ ނަސީމަށް މި މަޤާމު ދީގެން. ރައީސް ޞަލިހަށް ވިސްނުނީ އޭނައޭ އެންމެ މޮޅުވާނީ މިކަހަލަ ބަޢަވާތެއް ހިންގަން. އޭނައަކީ ބަޢާވާތް ކުރުމުގަ ވަރަށް ފަރިތަ މީހެކޭ. އެއީ ހެލްތު ދާއިރާއިން ކަމަށްވިޔަސް. މިލިޓަރީ ދާއިރާއިން ކަމަށްވިޔަސް، އެއީ ތަރައްޤީގެ ދާއިރާއިން ކަމަށްވިޔަސް، އިޖުތިމާއީ އަދާލަތުގެ ދާއިރާއިން ކަމަށްވިޔަސް، ބަޢާވާތެއް ކުރަންވެއްޖިއްޔާ އެކަމެއް ކުރަން އެންމެ ފަރިވާނީ ކެރަފާ ނަސީމޭ.
– އަބްދުއްރަހީމް އަބްދުﷲ
އަބްދުއްރަހީމް ވިދާޅުވީ ނަސީމަކީ މިއަދު މިޒަމާނުގެ ތައުލީމާއި ޤާބިލްކަންވެސް ނެތް އުމުރުފުޅުން 70 އިން މަތީގައި އުޅުއްވާ ބޭފުޅަކަށްވާއިރު، ނަސީމަށް މި މަޤާމު ފުރުއްވޭނެކަމުގެ ޤާބިލްކަމެއް ނުހުންނަވާނެކަމަށެވެ. މި މަޤާމު ފުރުއްވާނެ ޤާބިލް އެތައް ޒުވާނުނެއް މިޤައުމުގައި ތިއްބައި ނަސީމަށް މިމަޤާމު ދިނީ އިންޑިޔާއިން ނަގާ ލޯނުތަށް ފަސޭހައިން ބައި އަޅައިގެން ބެހުމަށްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ނަސީމުގެ އުމުރުން 70 އިން މަތީގައި ހުރިއިރު، ތައުލީމީ ޤާބިލް ޒުވާނުން ތިއްބައި މިވެއްޓަށް މިއަދު ނުފެތޭ ޤާބިލްނޫން މީހަކު އައްޔަން ކުރުމުގައި ފޮރުވިފައިވާ ސިއްރުތަކެއްވާނެ. މިއީ ވަރަށްބޮޑު ވައްކަމެއް ކުރަން ޖާގަ ހޯދައިންގެ ކުރާކަމެއް. އިންޑިޔާއިން ނަގާ ލޯނުތައް ބައިއަޅާލުމަށް ޖަގާ ހޯދުމަށް ކުރާކަމެއްމިއީ.
– އަބްދުއްރަހީމް އަބްދުﷲ
ހެލްތު މިނިސްޓަރުކަމަށް އައްޔަންކުރެއްވި ނަސީމް ވަނީ އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގައި ފޮރިން މިނިސްޓަރުކަމުގެ މަޤާމު އަދާކުރައްވާފައެވެ. ހެލްތު މިނިސްޓަރުކަމުގެ މަޤާމަށް ނަސީމް އައްޔަންކުރައްވާފައިނިވަނީ ކުރިން އެމަޤާމުގައި ހުންނެވި ޢަބްދުﷲ އަމީން އިއްޔެ ރޭ އެމަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.
ހެލްތު މިނިސްޓަރުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން އަޙްމަދު ނަސީމް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަޤާމުގައެވެ. އެ މަނިކުފާނު ވަނީ، 2011 ވަނަ އަހަރު މާރިޗު މަހުގެ 21 ވަނަ ދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމު ފުރުއްވާފައެވެ.
އަދި އޭގެ ކުރިން އަޙްމަދު ނަސީމް ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަޤާމު ވެސް ފުރުއްވާފައެވެ. އެ މަނިކުފާނު ސަރުކާރުގެ ޚިދުމަތާއި ގުޅިވަޑައިގަތީ 1966 ވަނަ އަހަރުއެވެ.
ކޮމެންޓު ފޮނުވާ