ވެންޓިލޭޓަރުތަކުގެ މައްސަލަ މިމަހުގެ ނިޔަލަށް ކޮމިޓީން ނިންމަނީ

ވެންޓިލޭޓަރުތަކުގެ މައްސަލަ މިމަހުގެ ނިޔަލަށް ކޮމިޓީން ނިންމަނީ

Author
މުޙައްމަދު ޖިމީ
22 އޮކްޓޯބަރ 2020 01:30
0

ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ މިމަހުގެ ނިޔަލަށް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ންޓި ކޮރަޕްޝަމް ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ތަޙްޤީޤުކުރި މިނިސްޓްރީ އޮފް ހެލްތްއިން ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ދައުވަކުރާނެ ހެއްކެއް އަދި ޤަރީނާއެއް ނެތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވެ، މި މައްސަލައިގައި ޚިލާފު އުފެދިފައިވާތީ އެމައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެމައްސަލަ ޖުޑީޝަރީ ކޮމިޓީއަށް އިއްޔެ ފޮނުވާފައެވެ. އެކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ މިމައްސަލަ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް ފާސްކޮށްފައެވެ.ކޮމިޓީ ބައްދަލުވުމުގައި ވަނީ ވެންޓިލޭޓަރުތަކުގެ މައްސަލައާ ގުޅޭގޮތުން ލިޔުމުން މަޢުލޫމާތު ހޯއްދެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުއްވުމަށާއި އަންނަ ހަފްތާގެ ދުވަހެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ހާޒިރުކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްވެސް ކޮމިޓީން ނިންމާފައިވެއެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަކީ އެމްޑީޕީގެ ރައީސް ނަޝީއާއި އަރިސްބޭފުޅުން ހިމެނި ވަޑައިގަންނަވާ ކޮމިޓީއެކެވެ. އަދި ބައެއް ފަރާތްތަކުން ވިދާޅުވާގޮތުން މަޖިލީހުގައި މިހާރު އެކުލަވާލެވިފައިވާ ކޮމިޓީތަކުގެ ތެރެއިން ރައީސް ނަޝީދުގެ ކޮންޓްރޯލް އޮންނަ ހަމައެކަނި ކޮމިޓީއެވެ.

ކޯވިޑް-19އާ ގުޅިގެން ދުބާއީ ކުންފުންޏަކުން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާނުކުރަން ނިންމީ ޖިނައީ ދައުވާއެއް އުފުލޭވަރާއި ގާތަށްވެސް ހެކިނެތްކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ. މިމައްސަލާގައި ދައުވާ ކުރުމަށް ފޮނުވި 11 ބޭފުޅުންނާއިމެދުވެސް ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް ވަރަކަށް ކޯޓެއްގައި ސާބިތުކޮށްދެވޭނެ ވަރުގެ ހެކިހުރި މައްސަލަތަކެއް ނޫންކަމަށްވެސް ޕީޖީ ޝަމީމް ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.