ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާނަށް ސަލްމާނުގެ ފިލްމު "ރާދޭ" އެއްވެސް ގޮތަކަށް ކަމުނުދާ ކަމަށް ބުނެފިއެވެ.
އިތުރަށް ވާހަކަ ދައްކަމުން ސަލީމް ބުނެފައިވަނީ "ދަބަންގް" އަކީ ތަފާތު ފިލްމެއް ކަމަށާއި އަދި "ބަޖްރަންގީ ބާއީ ޖާން" އަކީ ރީތި އަދި ތަފާތު ފިލްމެއް ކަމަށެވެ. ސަލީމް ޚާން އަކީ ކުރީގެ ހިންދީ މަޝްހޫރު ގިނަ ފިލްމުތަކެއްގެ ސްކްރީން ރައިޓަރެކެވެ.
ސަލްމާން ޚާންގެ "ރާދޭ: ޔުއާ މޯސްޓް ވޯންޓެޑް ބާއީ" ރިލީސްކޮށްފައިވަނީ އީދުގައެވެ. މި ފިލްމުން ސަލްމާން ފެނިގެންދިޔައީ ލީޑު ރޯލުންނެވެ. އެހެންނަމަވެސް މި ފިލްމު ވެގެންދިޔައީ އައިއެމްބީޑީއައީ ގައި މިހާތަނަށް ސަލްމާންގެ ފިލްމަކަށް އެންމެ ދަށުން ރޭންކު ލިބުނު ފިލްމަށެވެ.
އެގޮތުން މި ފިލްމަށް ލިބިފައިވަނީ 1.7 އެކެވެ. ޕްރަބޫ ދޭވާގެ މި ޑައިރެކްޝަންގައި ސަލްމާން ޚާންގެ އިތުރުން ދިޝާ ޕަޓާނީ، ރަންދީޕް ހޫޑާ، ޖެކީ ޝްރޮފް އަދި ގައުތަމް ގުލާޓީ ވެސް ފެނިގެން ދިއައެވެ.
ސަލްމާން ޚާންގެ ކުރިއަތް އޮތީ " އަންތިމް : ދަ ފައިނަލް ޓްރުތު" އެވެ. މި ފިލްމުން ސަލްމާން ޚާންއާއި އެކުގައި އޭނާގެ ޅިޔަނު އަޔޫޝް ޝަރްމާ ވިލަންއެއްގެ ގޮތުގައި ފެނިގެންދާނެއެވެ. ހަމަ އެހެންމެ "ޓާއިގާ 3″ގެ ޝޫޓިންގ ފެށުމަށް ވެސް ސަލްމާން ދަނީ ތައްޔާރުވަމުންނެވެ.