ނަޝީދާއެކު ފެށި "ބޮޑު ބަދަލު"ގެ މަސައްކަތުގައި އަދިވެސް ދެމިހުންނާނަން: ފައްޔާޒް

ނަޝީދާއެކު ފެށި "ބޮޑު ބަދަލު"ގެ މަސައްކަތުގައި އަދިވެސް ދެމިހުންނާނަން: ފައްޔާޒް

Author
އަހުމަދު
29 އޮގަސްޓް 2026 02:50
0

ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ފެއްޓެވި "ބޮޑު ބަދަލު"ގެ މަސައްކަތުގައި އަދިވެސް ދެމިހުންނެވި ކަމަށާއި، އެ މަސައްކަތް ނިންމަވާނީ ރާއްޖެއަށް ބޭނުންވާ ބޮޑު ބަދަލު ގެނެސްދެއްވުމަށްފަހު ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

"ބޮޑު ބަދަލު" ވަޓްސްއެޕް ގްރޫޕުން ފައްޔާޒް ވަކިވެވަޑައިގެންފައިވާ ކަމުގެ ވާހަކަ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ދަނޑިވަޅެއްގައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ މީގެ ތިން ހަފްތާ ކުރިން އެ ނަމުގައި ހަދާފައިވާ ވަޓްސްއެޕް ގްރޫޕަކުން ނުކުމެވަޑައިގެންފައިވާނެ ކަމަށާއި، ނަމަވެސް އެއީ ބޮޑު ބަދަލާ ގުޅޭ ރަސްމީ ގްރޫޕެއް ނޫން ކަމަށެވެ. މި ޕޯސްޓް ކުރެއްވިއިރު، އެމްޑީޕީގެ ރިޔާސީ ރޭހަށް ނަޝީދު ނެރުމަށް އާންމު މެންބަރުން ދަނީ ބާރު އަޅަމުންނެވެ.

"މާތް اللهގެ އިރާދުފުޅާއެކު އަޅުގަނޑާއި ރައީސް މުހައްމަދު ނަޝީދު އަދި އަޅުގަނޑުމެން ދެ ޓީމުގެ މަސައްކަތް ނިންމާލާނީ މި ރާއްޖެއަށް ގެންނަން ކޮންމެހެން ޖެހިފައިވާ ބޮޑު ބަދަލު ގެނައުމަށްފަހު،" ބޮޑު ބަދަލު މެނިފެސްޓޯއަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުންނާއި އާންމު ރައްޔިތުންނަށް ހިތްވަރު ދެއްވަމުން ފައްޔާޒް ވިދާޅުވި އެވެ.

ކުރިން ވާދަވެރިކޮށް ފެނުނު މި ދެ ބޭފުޅުން އެކުގައި މަސައްކަތް ފެއްޓެވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު ގެންނެވުމުގެ ކެމްޕޭނާ އެކުގަ އެވެ. އޭގެފަހުން، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ސިފަތަކެއް އެކުލެވޭ މަސްހުނި ނިޒާމަކަށް ބަދަލުކުރުމުގެ ވިސްނުމާއެކު "ބޮޑު ބަދަލު" މެނިފެސްޓޯ ދެ ބޭފުޅުން އެކުގައި އިއުލާނުކުރެއްވީ މިއަހަރުގެ އޭޕްރީލް 19 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.