ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 2021 ވަނަ އަހަރު ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ހަ މީހުންގެ ތެރެއިން، ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމް އަދި ގއ. ވިލިނގިލި ހުދުރުވާގޭ ފަހުމީ އަލީގެ މައްސަލައިގެ އަޑުއެހުން މާދަމާ ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.
ކޯޓުން ހާމަކުރި ގޮތުގައި ފަހުމީގެ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 9:00 ގައެވެ. އަދި ހައިޝަމްގެ އަޑުއެހުން ބޭއްވުމަށް ތާވަލުކޮށްފައި ވަނީ މެންދުރުފަހު 2:00 ގައެވެ.
ހައިޝަމްގެ މައްޗަށް އުފުލާފައި ވަނީ ނިރުބަވެރި އަމަލެއް ހިންގުމުގައި ބައިވެރިވުމާއި، އެފަދަ އަމަލެއް ކުރުމަށް ރޭވުމުގެ އިތުރުން ގޮވާ ތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާއެވެ. ފަހުމީގެ މައްޗަށް އުފުލާފައި ވަނީ ނިރުބަވެރި އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެކަންޏެވެ.
މެއި 6، 2021 ގައި ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ކައިރީ ނީލޯފަރު މަގާއި މަޖީދީ މަގު ގުޅޭ ކަންމަތީ ސައިކަލެއްގައި ހަރުކޮށްފައި ހުރި، ބެއަރިން ބޯޅަ އަޅައިގެން ތައްޔާރުކުރި ބާރުގަދަ ބޮމެއް ރިމޯޓަކުން ގޮއްވާލައިގެން ދިން މި ހަމަލާގައި، އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގަތެވެ.
މި މައްސަލާގައި މިހާތަނަށް ހުކުމް ކޮށްފައި ވަނީ ބޮން ގޮއްވާލި ކަމުގެ ތުހުމަތުގައި ހުރި އަދުހަމް އަދި ނިރުބަވެރި ޖަމާއަތަކަށް ތާއީދުކުރި ކަމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށްލި އަބްދުﷲ އަލީ މަނިކުގެ މައްޗަށެވެ. މުހައްމަދު ތަސްލީމް ހައްޔަރުކުރި ނަމަވެސް، އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
ކޮމެންޓު ފޮނުވާ