ސަރުކާރު މަސް ކުންފުނި، މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 21 ރުފިޔާއަށް ބޮޑުކޮށްފި އެވެ.
މިއީ މި އަހަރުގެ ތެރޭގައި މިފްކޯއިން ކަޅުބިލަމަހުގެ އަގަށް ގެނައި ދެވަނަ ބަދަލެވެ. މީގެ ކުރިން، މިދިޔަ ޖޫން މަހު ވެސް ވަނީ ކަޅުބިލަ މަހުގެ ކިލޯއެއްގެ އަގު 20 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.
ކަޅުބިލަމަހުގެ އިތުރުން، 10-15 ކިލޯގެ ބޮޑުކަންނެލި ކިލޯއެއް 20 ރުފިޔާއަށް، އަދި 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިލޯއެއް 25 ރުފިޔާގެ ރޭޓުން މިފްކޯއިން ދަނީ ގަންނަމުންނެވެ.
މިފްކޯއިން ބުނީ، މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިޔާއަތްކޮށް، މަސްވެރިންނަށް އެކަށީގެންވާ އަގެއް ފޯރުކޮށްދިނުމަށާއި ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނައި ބަދަލެއް ކަމަށެވެ.
މީގެ އިތުރުން، މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ ސިޔާސަތާއެކު، މަސްވެރިކަމަށް ނުކުންނަ ދޯނިފަހަރުގެ އަދަދު އިތުރުވެ، ސިނާއަތަށް ދިރުން ލިބެމުންދާ ކަމަށް ސަރުކާރުން ބުނެ އެވެ.
ކޮމެންޓު ފޮނުވާ