ފީފާ ވޯލްޑް ކަޕުގައި ވާދަކުރާ ފްރާންސް ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ހަމުގެ ކުލައަށް އިޝާރާތްކޮށް، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބް ބަޗަން އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒުވެއްޖެ އެވެ.
އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕުގެ ގަދަ 16 ބުރުގައި ފްރާންސުން 1-0 އިން ޕެރަގުއޭ ބަލިކުރި މެޗަށްފަހު، އަމީތާބުގެ ވެރިފައިޑް އެކްސް އެކައުންޓުން ކުރި ޕޯސްޓުގައި ބުނެފައިވަނީ، މި ފަހަރުގެ މުބާރާތުގައި ފްރާންސް ޓީމުގައި ހިމެނޭ 10 ކުޅުންތެރިންނަކީ ކަޅު ނަސްލުގެ ކުޅުންތެރިން ކަމަށާއި، ޓީމުގައި ހިމެނެނީ އެންމެ ދޮން ކުޅުންތެރިއެއް ކަމަށެވެ. މީގެއިން އެނގެނީ ކަޅު ނަސްލުގެ ކުޅުންތެރިންގެ ބާރުގަދަކަން ކަމަށްވެސް އޭނާ ޕޯސްޓުގައި ފާހަގަކުރި އެވެ.
އަމީތާބުގެ މި ޕޯސްޓާ ދެކޮޅަށް އެކްސްގައި އަޑުއުފުލި ސަޕޯޓަރުން ބުނަނީ، މިއީ ނަސްލީ ތަފާތުކުރުމަށާއި ހަމުގެ ކުލައިން މީހުން ގިންތިކުރުމަށް ބާރު އަޅާ ފަދަ ބަހެއް ކަމަށާއި، މިފަދަ ޝުއޫރެއް އެއްވެސް މީހަކު ފާޅުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި ޕޯސްޓަށް އަމީތާބު މާފަށް ނޭދޭ ނަމަ، އޭނާ ބެލެވޭނީ ރޭސިޒަމަށް ހިތްވަރުދޭ މީހެއްގެ ގޮތުގައި ކަމަށްވެސް އެ ފަރާތްތަކުން ބުނެ އެވެ. ނަމަވެސް، އަމީތާބުގެ ސަޕޯޓަރުން އޭނާ ދިފާއުކުރަމުން ބުނަނީ، މި ޕޯސްޓު އޭނާ މާނަކޮށްފައި އޮތީ ނަސްލީ ތަފާތުކުރުމަށް ހިތްވަރު ދިނުމުގެ ނިޔަތުގައި ނޫން ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ފަހަރުގެ ވޯލްޑް ކަޕުގެ ކަވަރޭޖުގައި ވާހަކަދައްކަމުން، ޖަރުމަނުގެ ކުރީގެ މިޑްފީލްޑަރު ބަސްޓިއަން ޝްވައިންސްޓައިގާ ވެސް ވަނީ، އެފްރިކާ ނަސްލުގެ ކުޅުންތެރިންނާ ބެހޭގޮތުން ދެއްކި ވާހަކަތަކަކަށް ފާޑުކިޔުން އަމާޒުވުމުން މާފަށް އެދިފަ އެވެ.
ފްރާންސަކީ ޒަމާނުއްސުރެ އެފްރިކާ ބައްރުގެ އެކި ގައުމުތަކުގެ ދަރިކޮޅަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ގައުމީ ޓީމަށް ކުޅެމުން އަންނަ ގައުމެކެވެ. އެ ގޮތުން، 2018 ވަނަ އަހަރު ފްރާންސުން ވޯލްޑް ކަޕް ކާމިޔާބުކުރި ސްކޮޑުގައި ވެސް އެފްރިކާ ދަރިކޮޅުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނުނެވެ.
މި ފަހަރުގެ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ފްރާންސް، ކުއާޓާ ފައިނަލުގައި މިރޭ ނުކުންނާނީ އެފްރިކާގެ ގަދަ ބާރު މޮރޮކޯއާ ދެކޮޅަށެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ފްރާންސް އަތުން ބަލިވި ފަހުން، މިހާތަނަށް މޮރޮކޯ ވަނީ އެއްވެސް މެޗަކުން ބަލިނުވެ ދެމިއޮވެފަ އެވެ.
ކޮމެންޓު ފޮނުވާ