"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026″ ގައި ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ ދާއިރާއިން ވާދަކުރުމަށް ބައިވެރިވުމުގެ ފުރުޞަތު ބަންދުވުމަށް ދެ ދުވަހަށްވެފައިވާއިރު، މިހާތަނަށް 300 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ބުނެފިއެވެ.
މިއީ ފާއިތުވި އަހަރު ބޭއްވި މައުރަޒުގައި ބައިވެރިވި 240 ފަރާތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މި އަހަރަކީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވުމާއެކު، ބީސީސީގެ އަމާޒަކީ ދިވެހި އުފެއްދުންތެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލައި މާކެޓް ކުރުމަށް ފުޅާ ދޮރެއް ހުޅުވައިދިނުމެވެ.
މި އަހަރުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއެއްގައި އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމުގެ ފުރުޞަތު ލިބޭނެއެވެ. ބައިވެރިވުމުގެ ފުރުޞަތު ޢުމުރުން 13 އަހަރުން މަތީގެ ދިވެހިންނަށާއި، ދިވެހި ވިޔަފާރިތަކަށް، ސަރުކާރު ޙިއްސާވާ ކުންފުނިތަކަށް، ތަޢުލީމީ މުއައްސަސާތަކަށް، ކައުންސިލްތަކަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަނީ ހުޅުވާލައިފައެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ އިސްނެންގެވުމުގެ މަތިން ބީސީސީން އިންތިޒާމުކުރާ މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 23 އިން 31 އަށެވެ. ބައިވެރިވުމަށް އެދޭ ފޯމު expo.mv ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.
ކޮމެންޓު ފޮނުވާ