ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި، ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ މިންވަރު އިތުރުކޮށް، ދަނޑުވެރިކަމުގެ ޒަމާނީ ޓެކްނޮލޮޖީއަށް އިންވެސްޓްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ރައީސް ވިދާޅުވީ، ޖަޒީރާ ޤައުމެއްގެ ގޮތުގައި ކާބޯތަކެތީގެ ރައްކާތެރިކަމަކީ ރާއްޖެއަށް ޚާއްޞަ މުހިންމުކަމެއް ލިބިގެންވާ ކަމެއް ކަމަށާއި، ކޮންމެ ދިވެއްސަކަށް ރައްކާތެރި، ދުޅަހެޔޮ އަދި އަގުހެޔޮ ކާނާ ލިބޭނެ ވިލުންތެރި ނިޒާމެއް ބިނާކުރަން ޖެހޭ ކަމަށެވެ. މި އަހަރުގެ ޝިޢާރު ކަމަށްވާ "އިނޮވޭޓް ޓުޑޭ، ނަރިޝް ޓުމޯރޯ" އިން ހަނދާންކޮށްދެނީ، މިއަދު ނިންމާ ނިންމުންތަކުން ކުރިމަގުގެ ޖީލުތަކުގެ ކާބޯތަކެތީގެ ރައްކާތެރިކަން ބައްޓަންކުރާނެކަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމާއި، މަސް ރައްކާކުރާ އަދި ޕްރޮސެސްކުރާ ވަސީލަތްތައް ފުޅާކުރުމާއި، ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ދަނޑުވެރިކަން ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިމެނޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ރަށްރަށުގެ ބިންތަކުގެ ބޭނުން ރަނގަޅަށް ހިފައިގެން މޭވާ ހައްދަން މުޖުތަމަޢުތަކަށް ހިތްވަރުދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމަކީ އެންމެންގެ ޒިންމާއެއް ކަމަށް ވިދާޅުވެ، ދަނޑުވެރިންނާއި މަސްވެރިން ބާރުވެރިކުރުމަށް އެކުގައި މަސައްކަތްކުރުމަށް ރައީސް ގޮވާލެއްވިއެވެ. 2025 ވަނަ އަހަރު އދ. އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ގާތްގަނޑަކަށް 90 އިންސައްތަ ބޭރުން އެތެރެކުރެއެވެ.
ކޮމެންޓު ފޮނުވާ