ތިމަރަފުށި ނިރުބަވެރި މައްސަލަ: މިނިވަންވި ތިން މީހަކަށް ޓެގް އަޅުވަން ހޯމް މިނިސްޓްރީ ހައިކޯޓަށް

ތިމަރަފުށި ނިރުބަވެރި މައްސަލަ: މިނިވަންވި ތިން މީހަކަށް ޓެގް އަޅުވަން ހޯމް މިނިސްޓްރީ ހައިކޯޓަށް

Author
އަހުމަދު
16 އޮކްޓޯބަރ 2026 12:29
0

ތ. ތިމަރަފުށީ ސްކޫލުގެ ލެބޯޓްރީ ގޮއްވާލަން ރޭވި ނިރުބަވެރި މައްސަލައިގައި ދައުވާ ސާބިތުނުވެގެން މިނިވަންކޮށްލި ތިން މީހެއްގެ މައްޗަށް މޮނިކޮން އަމުރެއް ނެރެދިނުމަށް ހޯމް މިނިސްޓްރީން ހައިކޯޓަށް ހުށަހަޅައިފިއެވެ.

މި އަމުރަށް އެދިފައިވަނީ ތ. ތިމަރަފުށި، އަސްރަފީވިލާ، އަބްދުﷲ ޝަރީފާއި އަހުސަން މުހައްމަދު، އަދި ތ. ތިމަރަފުށި، އަސުރުމާގެ، މުހައްމަދު އާސިރުގެ މައްޗަށެވެ. މި މައްސަލައިން ކުށް ސާބިތުނުވި ހަތަރުވަނަ މީހާއަކީ ތ. ތިމަރަފުށި، ސައިމާ، ޝަމާހު ޝަރީފެވެ.

އައިއެސްއަށް ތާއީދުކޮށް ތިމަރަފުށީގައި އޮޕަރޭޓްކުރަމުން ދިޔަ ހަރުކަށި ފިކުރުގެ ސެލްއެއްގެ ބައިވެރިން ކަމުގެ ތުހުމަތުގައި 8 މީހަކު ހައްޔަރުކޮށް 7 ދައުވާއެއް އުފުލި ނަމަވެސް، ކުށް ސާބިތުވީ 4 މީހެއްގެ މައްޗަށެވެ.

މިމަހުގެ 8 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި، ނިރުބަވެރި ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގައި ރ. މަޑުއްވަރި، ބީޗްހައުސް، އަބްދުﷲ އިމާދާއި ރ. ކަނދޮޅުދޫ، ފެހިވިލާ، އަލީ އަރުހަމް މުހައްމަދު 3 އަހަރަށް، އަދި ތ. ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒު 1 އަހަރާއި 9 މަހާއި 1 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރިއެވެ. ހަނގުރާމައަށް ދާން އުޅުމުގެ ކުށުގައި އަރުހަމް 5 އަހަރަށް، އަދި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގައި އިމާދާއި ނ. ކުޑަފަރި، ރޯޒްމީޑް، އިބްރާހިމް ލޫތު 1 އަހަރާއި 7 މަހާއި 6 ދުވަހަށް ވެސް ހުކުމްކުރިއެވެ.

ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އަރުހަމް ފިޔަވައި ހުކުމްކުރެވުނު އެހެން މީހުންނަށް ތަންފީޒުކުރާނެ އިތުރު އަދަބެއް ނެތުމުން، އެމީހުން މިހާރު މިނިވަންވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.