ރައީސް މުއިއްޒުގެ ޕާކިސްތާން ދަތުރުގައި 12 އެއްބަސްވުމުގައި ސޮއިކުރައްވާނެ

ރައީސް މުއިއްޒުގެ ޕާކިސްތާން ދަތުރުގައި 12 އެއްބަސްވުމުގައި ސޮއިކުރައްވާނެ

Author
އަހުމަދު
15 އޮކްޓޯބަރ 2026 08:09
0

 

ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު އަންނަ ހަފުތާގައި ޕާކިސްތާނަށް ރަސްމީ ދަތުރެއް ކުރައްވާނެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ޕާކިސްތާނުގެ 'ސަމާ ނިއުސް' އިން އިއްޔެ ރިޕޯޓުކުރި ގޮތުގައި، ރައީސް އެ ގައުމަށް ވަޑައިގަންނަވާނީ މި މަހުގެ 20 އިން 22 އަށެވެ. މިއީ ފާއިތުވި 10 ވަރަކަށް އަހަރުތެރޭ ދިވެހި ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ. އެންމެ ފަހުން ދިވެހި ރައީސަކު އެ ގައުމަށް ވަޑައިގަތީ 2015 ވަނަ އަހަރު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ ދުވަސްވަރު ރާއްޖެ އާއި އިންޑިއާގެ ގުޅުން އޮތީ ވަރަށް ދަށަށް ގޮސްފަ އެވެ.

ރާއްޖެއިން ގެންގުޅޭ "އިންޑިއާ ފަސްޓް" ސިޔާސަތުގެ ސަބަބުން، ދިވެހި ރައީސުން ޕާކިސްތާނަށް ރަސްމީ ޒިޔާރަތްތައް ކުރައްވަނީ ވަރަށް މަދުންނެވެ.

ސަމާ ނިއުސް އިން ބުނީ، މި ދަތުރުގައި ރައީސް މުއިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެ ކަމަށާއި، ރައީސް އާސިފް އަލީ ޒަރްދާރީއާ ވަކިން ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން 12 ވަރަކަށް އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ބެލެވޭ އިރު، ސަރަހައްދީ ހާލަތާއި ސާކްގެ މަސައްކަތްތައް އަލުން ދިރުވުމާ ބެހޭ ގޮތުން ވެސް ދެ ލީޑަރުން މަޝްވަރާކުރައްވާނެ ކަމަށް އެ ނޫހުން ބުންޏެވެ.

މި ދަތުރާ ބެހޭ ގޮތުން ދިވެހި ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

މީގެ ކުރިން، ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ އިސް މެންބަރުން ހިމެނޭ ވަފުދަކުން ވަނީ ޕާކިސްތާނަށް ރަސްމީ ދަތުރެއް ކުރައްވައިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.