"ފުރުސަތު ނެތީމަ ދެރަވޭ": ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ މަންމަގެ އަޑު ރައީސްއަށް

"ފުރުސަތު ނެތީމަ ދެރަވޭ": ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ މަންމަގެ އަޑު ރައީސްއަށް

Author
އަހުމަދު
15 އޮކްޓޯބަރ 2026 11:55
0

ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރުތައް ދައްކާލެވޭނެ ފުރުސަތު ފަހިކޮށްދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މި ވާހަކަ ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ މަންމައެއް ދެންނެވި ޝަކުވާއަށް ޖަވާބު ދެއްވަމުންނެވެ.

ހއ. ކެލާގެ ހަދީޖާ ވިދާޅުވީ، އޯޓިޒަމް ހުރި 18 އަހަރުގެ އޭނާގެ އަންހެން ދަރިފުޅަކީ ފަންސުރާއި ރަބަރު ނުލައި ހަމައެކަނި ގަލަމުން ވަރަށް މޮޅަށް ކުރަހާ ކުއްޖެއް ކަމަށެވެ. ނަމަވެސް އެފަދަ ހުނަރުވެރި ކުދިންނަށް ރާއްޖޭގައި ފުރުސަތު ނެތުމުން ވަރަށް ދެރަވާ ކަމަށާއި، ކެލާގައި ތައުލީމާއި އެހެނިހެން ފުރުސަތުތައް ނެތުމުން އެފަދަ އާއިލާތަކަށް މާލެ އަންނަން މަޖުބޫރުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި ބޭއްވި އާޓް އެގްޒިބިޝަނެއްގައި ދަރިފުޅު ބައިވެރިވި ނަމަވެސް، ކުއްޖާއަށް ސްޓޯލްގައި ގިނައިރު ހުރެވޭނެ ނުވާތީ، ކުއްޖާ ނެތިވެސް ކުރެހުންތައް ދައްކާލެވޭނެ ގޮތެއް ހަދައިދިނުމަށް އެދުނު ކަމަށް ހަދީޖާ ވިދާޅުވިއެވެ. ފަހުން ގުޅާނެ ކަމަށް ބުނި ނަމަވެސް އަދިވެސް ޖަވާބެއް ނުލިބޭ ކަމަށް އޭނާ ފާހަގަކުރިއެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ، މިފަދަ ހަރަކާތްތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބައިވެރިވުން ބޮޑުކުރަން ޖެހޭ ކަމަށާއި، ދިރިއުޅުމުގައި އެކުދިންނަށް ހަމަހަމަ ފުރުސަތު އޮންނަން ޖެހޭ ކަމަށެވެ.

"ހާއްސަކޮށް ދަރިފުޅުގެ ޓެލެންޓް ކުރިއަށް ގެންދެވޭނެ މަގެއް ފަހިކޮށްދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން،" ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.