ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި މުހައްމަދު އަފީފު ހުސައިން އެ މަގާމުން ވަކިކޮށް، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަޖީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް ހަމަޖައްސައިފި އެވެ.
މި ބަދަލު އައީ، ފެނަކަ އުވާލައި އެ ކުންފުނީގެ މަސައްކަތްތައް ސްޓެލްކޯއާ ހަވާލުކުރަން ސަރުކާރުން ނިންމުމާ ގުޅިގެން ކަމަށް އަފީފު ވަނީ ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ. އަފީފު ވިދާޅުވީ، ފެނަކައިގެ ހުރިހާ މަސައްކަތެއް ސްޓެލްކޯގެ ދަށަށް ބަދަލުވަމުންދާތީ، އޭނާ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ހަމަޖެއްސެވި ކަމަށެވެ.
ސަރުކާރުގެ ހަރަދު ކުޑަކޮށް، ދައުލަތުގެ ކުންފުނިތައް ހިންގުން ހަރުދަނާކުރުމުގެ ގޮތުން ފެނަކަ އުވާލުމާއެކު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލައި އެމްޓީސީސީއާ އެއްކުރުމަށް ވެސް ސަރުކާރުން އިއުލާންކުރީ ވޭތުވެދިޔަ މަހުގެ 7 ވަނަ ދުވަހު އެވެ. މީގެ އިތުރުން، އެގްރޯނެޓް ވެސް މިފްކޯގެ ސަބްސިޑިއަރީއަކަށް ބަދަލުކުރަން ނިންމާފައި ވެ އެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، ކުންފުނިތައް އެއްކުރުމުގެ މައިގަނޑު މަޤްޞަދަކީ ހިންގުމުގައި ކާރުކުރުވެރިކަން އިތުރުކުރުމެވެ. މި ބަދަލުތައް ނިމުމުން، މި ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ވެސް ކުޑަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ކޮމެންޓު ފޮނުވާ