މާލެ ތެރޭގައި ބަނގުރާ ވިއްކަމުން ދާ ނެޓްވޯކެއްގެ އިސް ދިވެހި މީހާ ކަމަށް ތުހުމަތުކުރެވޭ ހ. ކަރޯގޭ، މުހައްމަދު ރަޝްވާން އައްބާސް ފުލުހުން ހައްޔަރުކޮށްފި އެވެ.
ރަޝްވާން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ކޯޓު އަމުރުން އެނގެ އެވެ. ހ. މާދޫގެ ބަލައި ފާސްކުރުމުން ގިނަ ބަނގުރާ ކޭސްތަކެއް ފެނުނު މައްސަލައާ ގުޅިގެން މިހާރު ވަނީ ތިން މީހަކު ހައްޔަރުކޮށް ބަންދުގައި ބަހައްޓާފަ އެވެ. ނޫސްވެރިން ކުރި ސުވާލަކަށް ފުލުހުން ބުނީ، އެ ނެޓްވޯކުގައި ބައިވެރިވާ ދިވެހި މީހާ ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ހ. މާދޫގެ ބަލައި ފާސްކުރި އިރު، 800 އަށް ވުރެ ގިނަ ބަނގުރާ އަތުލައިގަނެފައި ވެއެވެ. އެ މައްސަލައިގައި ތިން ބިދޭސީއަކު ހައްޔަރުކުރި ނަމަވެސް، އެ މައްސަލައާ ރަޝްވާނާ ގުޅުމެއް އޮތްތޯ އަދި ސާފެއް ނުވެ އެވެ.
ރަޝްވާނު ވަނީ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ބަލައި ފާސްކުރީ އޭނާ ނުވަތަ އޭނާގެ ފަރާތުން ވަކާލާތުކުރާނެ މީހަކު ހާޒިރުގައި ނޫން ކަމަށް ވެސް އޭނާ ބުންޏެވެ. ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އޭނާ އެދުނު ނަމަވެސް، މިވަގުތު އޭނާ ދޫކޮށެއް ނުލެވޭނެ ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ.
ކޮމެންޓު ފޮނުވާ