އެމެރިކާގެ ކޮންގްރެސްގެ ޑިމޮކްރެޓިކް މެމްބަރު އިލްހާން ޢުމަރު ވޮޝިންގްޓަން ޑީސީގައި ދިރިއުޅުއްވާ ގެއަށް ހޯމަ ދުވަހު ފެޑެރަލް އޮތޯރިޓީތަކުން ވަދެ ފާސްކޮށް، އޭނާގެ މޯބައިލް ފޯނު ހިފަހައްޓައިފިއެވެ. މި އޮޕަރޭޝަން ހިންގީ އިލްހާންގެ އިމިގްރޭޝަން ލިޔެކިޔުންތަކާ ގުޅޭގޮތުން ކުރިއަށްދާ ޖިނާއީ ތަޙުޤީޤެއްގެ ދަށުންނެވެ.
ތަޙުޤީޤުގައި ބަލަމުންދަނީ 1995 ވަނަ އަހަރު އިލްހާން އެމެރިކާއަށް ހިޖުރަކުރިއިރު، އޭނާގެ އުމުރާ ބެހޭގޮތުން އާއިލާއިން ދޮގު މަޢުލޫމާތު ދީފައިވޭތޯއެވެ. ބައްޕައަށް ރައްޔިތުކަން ލިބުމާއެކު 2000 ވަނަ އަހަރު އިލްހާނަށް ރައްޔިތުކަން ލިބުނުއިރު، އޭނާގެ އުމުރަކީ 17 އަހަރު ކަމަށް ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް ކޮންގްރެސްއަށް ވެއްޖެތާ، މިންނެސޯޓާގެ ޕަބްލިކް ލައިބްރަރީއެއްގައިވާ އޭނާގެ އުފަން އަހަރު 1981 އިން 1982 އަށް ބަދަލުކުރުމަށް އޭނާގެ އޮފީހުން އެދުމުން އުމުރާ މެދު ސުވާލު އުފެދުނެވެ.
މި މައްސަލާގައި އިލްހާންގެ އާއިލާގެ މެމްބަރުންނަށް ސަބްޕީނާތައް ނެރެފައިވާއިރު، އޭނާގެ ނިޔާވެފައިވާ ބައްޕަ ހުށަހެޅި ލިޔެކިޔުންތަކުގައި ދޮގު މަޢުލޫމާތު ހިމެނޭތޯ ވެސް ބަލަމުންދެއެވެ.
އިލްހާންގެ ފިރިމީހާ ޓިމް މައިނެޓް ވިދާޅުވީ، އިލްހާން އެމެރިކާއަށް އައީ 12 އަހަރުގައި ހަނގުރާމައިގެ ރެފިއުޖީއެއްގެ ގޮތުގައި ކަމަށާއި، މިކަމުގައި ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.
އިލްހާން ވަނީ ހުރިހާ ތުހުމަތެއް ދޮގުކުރައްވާފައެވެ. އޭނާގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ، މިއީ ޓްރަމްޕްގެ ސަރުކާރުން ސިޔާސީ އިދިކޮޅު ފަރާތްތަކަށް ބިރުދެއްކުމަށް ފެޑެރަލް އިދާރާތައް ބޭނުންކުރުން ކަމަށާއި، އިލްހާން އެއްވެސް ގޯހެއް ހައްދަވާފައި ނުވާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ