އީރާނާ ދެކޮޅަށް ކުރިއަށްދާ ހަނގުރާމައިގައި ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމަށް ރޭވުމެއް ނެތް ކަމަށާއި، އެމެރިކާއަށް އެފަދަ ހަތިޔާރެއްގެ ބޭނުމެއް ނުޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު ނިއުސްމެކްސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް މިހެން ވިދާޅުވީ، މިޑްޓާމް އިންތިޚާބަށްފަހު އީރާނަށް ހަމަލާދިނުމަށް "މަދަރ އޮފް އޯލް ބޮމްސް" (އެމްއޯއޭބީ) ބޭނުންކުރަން އެމެރިކާއިން ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ފެތުރުމާ ގުޅިގެންނެވެ. އެމްއޯއޭބީ އަކީ ވަރަށް ބޮޑު ބޮމެއް ނަމަވެސް، އެއީ ނިއުކްލިއަރ ހަތިޔާރެއް ނޫން ކަމަށް ޓްރަމްޕް ތަކުރާރުކުރެއްވި އެވެ.
"ނޫން، އަޅުގަނޑުމެން ނިއުކްލިއަރ ހަތިޔާރު ބޭނުމެއް ނުކުރާނަން. އެކަން ކުރާކަށް ނުޖެހޭ،" ޓްރަމްޕް ވިދާޅުވި އެވެ.
އީރާނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭނުންވާނެ ކަމަށް ވެސް ދެކެވެ އެވެ. ނަތަންޔާހޫއަށް އިތުބާރުކުރައްވަންތޯ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޓްރަމްޕް ވިދާޅުވީ، ސިޔާސީ ދުނިޔޭގައި އެއްވެސް މީހަކަށް އިތުބާރެއް ނުކުރައްވާ ކަމަށެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ
ކޮމެންޓު ފޮނުވާ