ބިޑް ކޮމިޓީތަކުގައި ސިޔާސީ ބޭފުޅުންނަށް ނުތިބޭވޭނެކަމަށް ކަނޑައަޅައިފި

ބިޑް ކޮމިޓީތަކުގައި ސިޔާސީ ބޭފުޅުންނަށް ނުތިބޭވޭނެކަމަށް ކަނޑައަޅައިފި

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2020 11:15
0

ބިޑް ކޮމިޓީތަކުގައި ސިޔާސީ ބޭފުޅުންނަށް ނުތިބޭވޭނެކަމަށް ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން ކަނޑައަޅައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ވިދާޅުވީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.13 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ދައުލަތުގެ އެކި އޮފީސްތަކުގައި ގާއިމްކުރާ ބިޑް ކޮމިޓީތަކަށް ސިޔާސީ ގޮތުން އައްޔަނުކުރެވޭ ބޭފުޅުންނާއި އިންތިޚާބީ މަގާމުތަކުގައި ތިއްބަވާ ފަރާތްތައް އައްޔަނު ނުކުރެވޭނެ ކަމަށް ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުންވަނީ ނިންމާފައިވާކަމަށެވެ.

ބިޑް ކޮމެޓީތަކުގައި ސިޔާސީ ބޭފުޅުންނަށް ނުތިބެވޭނެކަމަށް ކަނޑައަޅާފައިވަނީ ހެލްތް މިނިސްޓްރީން ރާއްޖެއަށް ގެނައުމަށް މަަސައްކަތްކުރި ވެންޓިލޭޓަރުތަކާއި ގުޅިގެން ހެލްތްގެ ބިޑްކޮމިޓީގެ ގިނަ ބޭފުޅުންތަކެއް އެކަމުގައި ޝާމިލުވެފައިވާ ދަނޑިވަޅެއްގައެވެ. އެ ކޮމެޓީގެ ޗެއާއަކީ ވެސް ސިޔާސީ ބޭފުޅަކަށްވާއިރު އެކޮމިޓީގައި އިތުރު ސިޔާސީ ބޭފުޅުންވެސް ތިއްބަވައެވެ.

މިމައްސަލާގައި 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވުނު ނަމަވެސް އެއްވެސް ބޭފުޅެއްގެ މައްޗަށް ދައުވާ ކުރެވޭވަރަށް ހެއްކާއި ޤަރީނާ ނެތުމުން މިމައްސަލާގައި ދައުނާ ނުކުރުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.

ވެންޓިލޭޓަރުތައް ގެނައުމުގައި ބޮޑެތި އޮޅުވާލުންތައް ހުރިކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކުރައްވާފައެވެ. މިކަމުގައި އެންމެ ބޮޑު މައްސަލައަކަށް ފާހަގަކުރައްވާފައިވަނީ ދުބާއީގެ ކުންފުންޏަށް ގެރެންޓީއަކާނުލައި އެޑްވާންސް ފައިސާ ދޫކުރި މައްސަލައެވެ. ދުބާއީގެ "އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގް"އިން 75 ވެންޓިލޭޓަރު ގެނައުމަށް ރާއްޖެއިން އޯޑަރުކުރިއެވެ. އަދި ވެންޓިލޭޓަރުގެ އަގުގެ %90އަށްވާ 30 މިލިއަން ރުފިޔާ ވަނީ ގެރެންޓީއަކާ ނުލައި އެޑްވާންސްގެ ގޮތުގައި އެ ކުންފުންޏަށް ޖަމާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.