އިތުރު ސަބްމެރިން ކޭބަލްތައް ގެނައުމުގެ މަސައްކަތްކުރަނީ

އިތުރު ސަބްމެރިން ކޭބަލްތައް ގެނައުމުގެ މަސައްކަތްކުރަނީ

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2020 08:58
0

އިންޓަރނޭޝަނަލް ކަނެކްޓިވިޓީ އަށް ދާ ހަރަދު ކުޑަކުރުމަށްޓަކައި ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލްސް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން މިނިސްޓަރ މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

އައި.ޓީ.ޔޫ އާއި ވިއެޓްނާމްގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް އިން ގުޅިގެން ބޭއްވި މިނިސްޓީރިއަލް ރައުންޑްޓޭބަލް ގައި މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް މިއަދު ބައިވެރިވެ ވަޑައިގަންނަވައިގެން ވިދާޅުވީ މި ބައްދަލުވުމުގައި އައި.ޓީ.ޔޫގެ ސެކްރެޓަރީ ޖެނެރަލް ހޫލިން ޒައު، ވިއެޓްނާމްގެ މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ގުޔެން މަން ހުންގް، ވިއެޓްނާމްގެ ޕްރައިމް މިނިސްޓަރ ގުޔެން ޒުއަން ފުކް އަދި އެހެނިހެން ޤައުމުތަކުގެ ޓެކްނޯލޮޖީ އާއި ބެހޭ މިނިސްޓްރީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމަކީ ކޮވިޑް-19ގެ މި ހާލަތުގައި ޓެކްނޯލޮޖީ އަދާކުރާ ދައުރަކީ ކޮބައިކަމާއި، އަވަސް ދުވެއްޔެއްގައި އިގްތިސާދު ރަނގަޅުކުރުމަށް ޑިޖިޓަލް ޓެކްނޯލޮޖީ އާއި ކަނެކްޓިވިޓީގެ ދައުރަކީ ކޮބައިކަން މަޝްވަރާކުރެއްވުމަށް ބޭއްވިގެންދިޔަ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މުހިއްމު ބައެއް ކަންތައްތަކަށް އަލިއަޅުވާލެއްވިއެވެ. މިގޮތުން ދުނިޔޭގެ ގިނަ ޤައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖެވެސް ކޯވިޑް19ގެ ދަތި ދަނޑިވަޅާއި ކުރިމަތިލާންޖެހުނުކަމާއި، ދިވެހިރާއްޖެއަކީ އިގްތިސާދީ ގޮތުން ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމަކަށްވުމުން މި ހާލަތުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާކަން ފާހަގަކޮށްލެއްވިއެވެ. މި ދަނޑިވަޅުގައި ހާލަތު ބަދަލުކުރުމަށް އައި.ސީ.ޓީ ވެގެންދިޔައީ ވަރަށް ބޮޑު އެހީތެރިޔަކަށެވެ. ރައްޔިތުންނަށް މައުލޫމާތު ވަގުތުން ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ރޯލެއް ކުޅެފައިވަނީ ޓެކްނޯލޮޖީކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޯވިޑް19ގެ ހާލަތުގައި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވި ހިދުމަތަކަށް އިންޓަރނެޓް ވެގެން ދިއުމާއި އެކު ސަރުކާރާއި، އައި.އެސް.ޕީ ތަކުން މަސައްކަތްކޮށްފައިވަނީ ނެޓްވޯކް ވީހާވެސް ރަނގަޅަށް ފޯރުކޮށްދެވޭތޯ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް މޯބައިލް ޓެލެފޯނުގެ ހިދުތާއި، ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދެވިފައިވާކަން ފާހަގަކުރެއްވިއެވެ. ކޯވިޑް19ގެ ފުރަބަންދުގައި ފްރީ ޑޭޓާ އެލަވަންސް، ރީޗަރޖު ކުރުމުން ޑިސްކައުންޓް އަދި ބިލަށް ފައިސާދެއްކުން ފަސްކުރެވޭނެގޮތް ވަނީ ހަދައިދެވިފައެވެ. ކޯވިޑް19ގެ ހާލަތުގައި އިންޓަރނެޓް ބޭނުންކުރެވޭ މިންވަރު ދެގުނަ ވެގެންދިޔުމުން ރައްޔިތުންގެ އުއްމީދުތަކާއި އެއް ފެންވަރަށް ހިދުމަތްތައް ފޯރުކޮށްދިނުން ގޮންޖެހުމަކަށް ވެގެން ދިޔަކަމާއި، އެހެންނަމަވެސް ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ވީޑިއޯ އަދި ސްޓްރީމިން ކޮލިޓީއަށް އެއްވެސް ބަދަލެއް ނުގެނެސް ހިދުމަތް ފޯރުކޮށްދެވިފައިވާކަމަށް ފާހަގަކޮށްލެއްވިއެވެ.

އެކަކު އަނެކަކާ ދުރުގައި ތިބެން މިއަދު ޖެހިފައިވިނަމަވެސް، އެކަކު އަނެކަކާ ވަރޗުއަލީ ގުޅުވައިދޭ އެއްޗަކަށް އައި.ސީ.ޓީ މިވަނީ ވެފައެވެ. އެހެންކަމުން، ކޯވިޑް19ގެ މި ހާލަތުން ފިލާވަޅުނަގައި، ކުރިއަށް އޮތްތަނުގައި ދިމާވެދާނެ މިފަދަ ކަމަކަށްޓަކައި މިއަދު އައި.ސީ.ޓީ ހިދުމަތްތަކުގެ ކޮލިޓީ، ކަވަރޭޖް އަދި އަގު މިހާރަށްވުރެން ރަނގަޅުކުރަންޖެހޭ ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ބްރޯޑްބޭން ސަރވިސް ތަކަށް ބަލާއިރު އިންޓަރނޭޝަނަލް ކަނެކްޓިވިޓީ އަކީ ވަރަށް ބޮޑު ހަރަދެއް ދާ ކަމެއް ކަމުގައި މިނިސްޓަރ ފާހަގަކޮށްލެއްވިއެވެ. އެހެންކަމުން އިންޓަރނޭޝަނަލް ކަނެކްޓިވިޓީ އަށް ދާ ހަރަދު ކުޑަކުރުމަށްޓަކައި ރާއްޖެއަށް އިތުރު ސަބްމެރިން ކޭބަލްސް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ފާހަގަކޮށްލެއްވިއެވެ.

ކޯވިޑް19ގެ ހާލަތުގެ ސަބަބުން އިގްތިސާދަށް އައިސްފައިވާ ހީނަރުކަން އަރައިގަތުމަށް ސަރުކާރުން އެހެނިހެން އިންޑަސްޓަރީތަކަށް (މިސާލު: އެގްރިކަލްޗަރ) ދޭ އަހައްމިއްޔަތުކަން އިތުރުކޮށްފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މި އިންޑަސްޓްރީތައް އުފައްދައި ހިންގަން ބޭނުންވާ އައި.ސީ.ޓީ ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދެވިގެންދާނެކަމަށް އުއްމީދު ކުރާ ކަމަށް މިނިސްޓަރ ވާހަކަކޮޅު ކުރުކޮށްލަމުން ފާހަގަކޮށްލެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.