އައިލެންޑް އޭވިއޭޝަން ސާރވިސް އަކީ ހަރުދަނާ ފައިދާވާ ކުންފުންޏަކަށް ހެދުމަށް އެކުންފުނިން އިޞްލާހުކުރުމަށް ގިނަ ކަންތައްތަކެއް އަންގަން މަޖިލީހުން ފާސްކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަން ސާރވިސްގެ ހުރި މައްސަލަތައް ދިރާސާކުރުމަށްފަހު މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން މަޖިލީހުގެ ތަޅުމަށް ވަނީ ރިޕޯޓެއް ފޮނުވާފައެވެ.
މަޖިލީހުގެ ތަޅުމުން މިރިޕޯޓް ފާސްކުރީ 54 ވޯޓުންނެވެ. އައިލެންޑް އޭވިއޭޝަނުން އިޞްލާޙުކުރަން ލަފާދިނުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި އެކުންފުނީގެ މިވަގުތުގެ ކޭޝްފުލޯއަށް ބަލާއިރު، ދަރަންޏާއި، އެހެނިހެން ހިންގުމުގެ ޚަރަދުތައް އަދާކުރުމުގައި ދަތިތަކެއް ހުރިކަން ވަނީ ފާހަގަކޮށްފައެވެ. އަދި ކުންފުނީގެ އާމްދަނީ އިތުރުކުރުމަށް ރޭވެމުންދާ ރާވާފައިހުރި ކަންކަން އަވަސް މުސްތަޤުބަލެއްގައި ހިންގަން ފެށުމުގެ އިތުރުން، ކުންފުނީގެ ޚަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ކުންފުނި ފައިދާވާ ކުންފުންޏެއް ގޮތުގައި ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި، އަދި ދަރަނި އަދާކުރުމުގެ ޤާބިލުކަންހުރި ކުންފުންޏެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރަންޖެހޭމަސައްކަތްތައް ކުރުމަށް ފާސްކުރި ރިޕޯޓްގައިވެއެވެ.
މީގެ އިތުރުން އެކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް މުޅި ކުންފުނީގެ ދިގު މުއްދަތުގެ ތަޞައްވަރު އިޞްލާހުކޮށް އެކަށައެޅުއްވުމަށާއި، ފާވެރިކަން އިތުރުކުރުމަށް ސީޕްލޭން އޮޕަރޭޝަން އިތުރަށް ފުޅާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އަވަސް ފުރުޞަތެއްގެ ތެރޭގައި ކުރުމަށާއި، އަދި އަލަށް ތަރައްޤީވަމުން އަންނަ ޑޮމެސްޓިކް އެއަރޕޯޓުތަކުން ފަސްޓް މޫވަރ އެޑްވާންޓޭޖް ޤާއިމުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ލަފާދިނުމަށްވެސް ކޮމިޓީ ރިޕޯޓްގައިވެއެވެ.
ކުންފުނީގެ އެންޓަރޕްރައިޒް ރިސްކް އެސެސްމެންޓް ހެދުމަށް ލަފާދިނުމަށާއި، ކުންފުނީގެ އެކްސްޕޭންޝަން ޕްލޭން އެކުލަވާލުމަށްފަހު، ކުންފުނީގެ މިހާރު ތިބި މުވައްޒަފުންނަށްވުރެ އިތުރަށް ބޭނުންވާ ދާއިރާތަކާއި، ބޭނުންވާ މުވައްޒަފުންގެ ޢަދަދު ބެލުމަށް އެސެސްމެންޓެއް ހެދުމަށް ދަންނަވައި، އެސެސްމެންޓްގެ ނަތީޖާއާ އެއްގޮތަށް ހަމައެކަނި މުވައްޒަފުން އިތުރަށް ބޭނުންވާ ދާއިރާތަކަށް ނުނީ ކުންފުންޏަށް އިތުރު މުވައްޒަފުން ނުނެގުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް ދެންނެވުމަށްވެސް ހިމަނާފައިވެއެވެ.
އަދި ކުންފުނިން އިތުރު މުވައްޒަފުން ނަގާނަމަ ނަގަންވާނީ، މިނިސްޓްރީ އޮފް ފައިނޭންސްއިން ފާސްކޮށްފައިވާ ކުންފުނީގެ އެކްސްޕޭންޝަން ޕްލޭނާ އެއްގޮތަށްކަމާއި، މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ދޭންވާނީ، ކުންފުނީގެ މުވައްޒަފުންގެ މަސައްކަތް ވަޒަންކުރުމަށް ކީ ޕަރފޯމަންސް އިންޑިކޭޓަރ ތައްޔާރުކޮށް، އަދި ކީޕަރފޯމަންސް އިންޑިކޭޓަރ ހާޞިލުވާ މިންވަރެއްގެ މައްޗަށް ބެލުމަށްފަހުގައިކަމަށް، އައިލެންޑް އޭވިއޭޝަން
ސަރވިސަސް ލިމިޓެޑަށް ދެންނެވުމަަށްވެސް މަޖިލީހުން ފާސްކުރި ރިޕޯޓްގައިވެއެވެ. އަދި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ޖެނެރަލް ޕްރޮކިއުމަންޓް އުޞޫލު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ލަފާގެ މަތިން މުރާޖަޢާކުރުމަށް، ލަފާދިނުންވެސް ހިމެނެއެވެ.
ސަރުކާރުން ލޯނުގެ އެހީގެ ގޮތުގައި ދޫކޮށްފައިވާ ފައިސާއާއި އަދި ކޮމަރޝަލް ބޭންކުތަކުގެ ތެރެއިން ދޫކޮށްފައިވާ ލޯނުތަކަށް ދައްކަންޖެހޭ ފައިސާ ޑިފޯލްޓް ކުރުމެއްނެތި ދައްކާނެ ލޯންގް ޓަރމް ލޯން ރީޕޭމަންޓް ޕްލޭނެއް އެކުލަވާލައި، އެޕްލޭނާ އެއްގޮތަށް ފައިސާ ދެއްކުމަށް، އެކުންފުންޏަށް އެންގުމަށްވެސް މަޖިލީހުން ފާސްކުރި ރިޕޯޓްގައިވެއެވެ.
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން މިނިސްޓްރީ އޮފް ފިނޭންސްއިން އެކުލަވާލާފައިވާ އުޞޫލުތަކާއި، ފާސްކޮށްފައިވާ މުސާރައާއި އިނާޔަތްތަކުގެ ބޭރުން އިތުރު އެލެވެންސްއެއް ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުން ނަންގަވާފައިވާކަމަށް ފާހަގަކުރެވޭތީ، އިތުރަށް ނަންގަވާފައިވާ އެލަވަންސް ފައިސާއާ މެދު ޢަމަލުކުރާނެ ގޮތެއް ކަނޑައަޅައި، އެކަމާ ގުޅޭގޮތުން ނިންމި ގޮތެއްގެ ތަފްޞީލު ސްޓޭޓް އެންޑް އެންޓަރޕްރައިޒަސް ކޮމިޓީއަށް ފޮނުއްވުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑަށް އެންގުމަށްވެސް މިއަދު މަޖިލީހުން ފާސްކުރި ރިޕޯޓްގައިވެއެވެ.
ކޮމެންޓު ފޮނުވާ