ރޯދަ އާއި ސުވާލު: ބުރަ މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން ރޯދަ ދޫކޮށްލުން

ރޯދަ އާއި ސުވާލު: ބުރަ މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން ރޯދަ ދޫކޮށްލުން

Author
ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް
10 މެއި 2021 07:32
0

އަޅުގަޑުމެންނަކީ ހުޅަނުގެ ގައުމެއްގައި ދިރިއުޅޭ ބަޔަކީމެވެ. މިރަށުގެ އަހްލުވެރިން ރޯދަ އަކަށް އަދި ރޯދަވެރިންނަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. އަޅުގަޑުގެ ފިރިމީހާ އަކީ ފާމަސިސްޓް ކަން ކިޔަވާ ދަރިވަރެކެވެ. މިއީ އޭނާގެ ފައިނަލް އަހަރެވެ. މިއަހަރުގައި ޖެހެނީ މަސައްކަތުގެ ތަޖްރިބާ ހޯދާށެވެ. އަޅުގަޑުމެންނަށް ދިމާވާ ދައްޗަކީ މަސައްކަތް ކުރާ ތަނަށް ކާރުގައި ދަތުރުކޮށްފައި ދެވެނީ ގަޑިއެއްހާ އިރު ދުއްވާފައެވެ. އަދި އެތަނަކީ ބަލިމީހުން ފުނި ޖެހިފައި އޮންނަ ތަނެކެވެ. އަޅުގަޑުގެ ފިރިމީހާ އަށް ބޮލުގައި ރިއްސާ، ބޯއަނބުރާ ކަންތައް ތަކެއް ދިމާވިއެވެ. ބައެއް ފަހަރަށް ބަލި މީހުންނަށް ނުބައި ބޭސްތަކެއްވެސް ދެވިފައި އެބަހުއްޓެވެ. އެހެންވެ، އޭނާ ވިސްނަމުންދަނީ މިދުވަސްކޮޅު ރޯދަ ނުހިފާ ދޫކޮށްލުމަށެވެ. އޭނާ މަސައްކަތުގައި މެދުނުކެނޑި 12 ގަޑި އިރު އުޅެން ޖެހެއެވެ. ވީމާ، ސުވާލަކީ އޭނާގެ ކިޔެވުމުގެ ފަހު އަހަރު ނިންމާލުމަށްފަހު ރޯދަތައް ގަޟާ ކުރާ ގޮތަށް ރޯދަ ދޫކޮށްލެވިދާނެ ހެއްޔެވެ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ރޯދަ އަކީ ދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. މިކަން ގުރްއާނުންނާއި ސުންނަތުން އަދި އުއްމަތުގެ އިޖްމާޢިން ޘާބިތުވެއެވެ. އެހެންކަމުން، ބައްޔެއްވެގެން ނުވަތަ ދަތުރެއްގެ މަތީގައި ވުން ފަދަ ޝަރްޢީ ޢުޛުރެއް މެދުވެރިވެގެން މެނުވީ ރަމަޟާން މަހުގެ ރޯދަ ދޫކޮށެއް ނުލެވޭނެއެވެ. ރޯދަ އަށް ހުންނަ ވަގުތު ދަތި އުނދަގޫ ތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ. އެހެންނަމަވެސް، އެފަދަ ކަންތަކަށް ޖެހޭނީ ކެތްތެރިވާށެވެ. އަދި ﷲ ގެ ޙަޟްރަތުން ވާތްގަށް އެދޭށެވެ. ރޯދަ އަށް ހުއްޓާ ކަރުހިއްކައިގެންފިނަމަ ބޮލަށް ފެން އެއްޗެއް އަޅާ އަނގަޔަށް ފެންލާ ހެދުމަކީ އެންމެ ރަގަޅު ކަންތައްތަކެވެ. ކަރު ހިއްކައިގެން ގަތީނުން ފެން ނުބޮއިފިނަމަ މަރުވެދާނެކަމަށް ނުވަތަ ހަށިގަނޑަށް ބޮޑު ގެއްލުމެއް ވެދާނެ ކަމުގެ ބިރުވެރިކަން އޮވެއްޖެނަމަ، ރޯދަ ދޫކޮށްލުން ހުއްދަވެގެންވެއެވެ. އެހެންނަމަވެސް، ފަހުން މިރޯދަތައް ގަޟާ ކުރަން ޖެހޭނެއެވެ.

ތިމާ އަށް ދިމާވާ ދައްޗަކީ އަދާ ކުރާ ވަޡީފާ ކަމުގައި ވަނީނަމަ، ރަމަޟާން މަހާއި ދިމާކޮށް ޗުއްޓީ ނެގިދާނެއެވެ. ނުވަތަ މަސައްކަތް ލުއިކޮށްލެވިދާނެއެވެ. ނޫންނަމަ ތަންކޮޅެއް ފަސޭހަ މަސައްކަތަކަށް ބަދަލު ކޮށްލެވިދާނެއެވެ.

ސަޢޫދީގެ އިފްތާ ކޮމިޓީގެ ބޭފުޅުން މިމައްސަލާގައި ވިދާޅުވެފައިވެއެވެ.

ދީނުގައި ކޮންމެހެން އެނގެންޖެހޭ ކަންތައްތަކުގެ ތެރޭގައި ކޮންމެ މުކައްލަފަކުވެސް ރަމަޟާން މަހު ރޯދަ ހިފަން ޖެހޭކަން ދަންނަން ޖެހެއެވެ. އަދި ރޯދަ އަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެއްވެސް މެއެވެ. ﷲ ތަޢާލާ ތިމާގެ މައްޗަށް ފަރްޟު ކުރައްވާފައިވާ ރޯދަ ހިފުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރުމަކީ ކޮންމެ މުކައްލަފެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ﷲ ގެ ޙަޟްރަތުން ދެއްވާ ދަރުމަ އާއި ޘަވާބަށް އެދިގެންނެވެ. ދުނިޔޭގެ ނަޞީބުގެ މަތިން ހަނދާން ނައްތާލުމެއް ނެތިއެވެ. އަދި އާޚިރަތަށް ވުރެ ދުނިޔެ އިސްކުރުމެއްވެސް ނެތިއެވެ. ﷲ ފަރްޟު ކުރައްވާފައިވާ ފަރްޟު އަދާ ކުރުމާއި ތިމާ ދުނިޔޭގައި ދިރިއުޅުމަށް ކުރާ މަސައްކަތާއި ފުށު އަރަނީނަމަ، އެދެކަންތައް އެއްކޮށް ގެންދެވޭނެ ފަދަ ގޮތެއް ރާވަން ޖެހޭނެއެވެ. އެގޮތުން ދުނިޔޭގައި އުޅުމަށް މަސައްކަތް ކުރާ ވަގުތަކީ ރޭގަނޑު ކަމުގައި ހަމަޖެއްސިދާނެއެވެ. އެގޮތަށް އެކަންވާން ނެތިއްޖެނަމަ ރަމަޟާން މަހު ޗުއްޓީ ނެގިދާނެއެވެ. ނޫންނަމަ މުސާރަ ނުލިބޭ ގޮތަށްވެސް ޗުއްޓީ ނެގިދާނެއެވެ. އެގޮތަށްވެސް އެކަން ވާން ނެތިއްޖެނަމަ ދެކަންތައް އެއްކޮށް ކުރެވޭނެ ކަހަލަ ވަޡީފާ އެއް ހޯދިދާނެއެވެ. އާޚިރަތަށް ވުރެ ދުނިޔެ އަށް އިސްކަމެއް ނުދެވޭނެއެވެ. ދުނިޔޭގައި އުޅެން ކުރެވިދާނެ މަސައްކަތްތައް ބައިވަރެވެ. ސޫރަތުއް ޠަލާގްގެ 2-3 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ. (وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَ‌جًا ﴿٢﴾ وَيَرْ‌زُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّـهِ فَهُوَ حَسْبُهُ ۚ إِنَّ اللَّـهَ بَالِغُ أَمْرِ‌هِ ۚ قَدْ جَعَلَ اللَّـهُ لِكُلِّ شَيْءٍ قَدْرً‌ا  ) މާނައަކީ: " އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزق ދެއްވާނެތެވެ. އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ أمر ފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، اللَّه ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ."

ތިމާ ދުނިޔޭގައި އުޅެން ކުރެވޭނެ އިތުރު މަސައްކަތެއް ނެތިއްޖެނަމަ، ނުވަތަ ދިރިއުޅޭ ގައުމުގެ އަނިޔާވެރި ގާނޫނު ތަކުގެ ސަބަބުން ދީނީ ޝިޢާރުތައް ގާއިމް ކުރަން އުނދަގޫ ކަމަކަށް ވެއްޖެނަމަ އެމީހެއްގެ ދީން ހިފައިގެން އެރަށަކުން ނިކުތުން ރަގަޅެވެ. ﷲ ގެ ބިން ތަނަވަސްވެގެންވެއެވެ. ސޫރަތުއް ނިސާގެ 100 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَن يُهَاجِرْ‌ فِي سَبِيلِ اللَّـهِ يَجِدْ فِي الْأَرْ‌ضِ مُرَ‌اغَمًا كَثِيرً‌ا وَسَعَةً) މާނައަކީ: " اللَّه ގެ މަގުގައި هجرة ކުރާ މީހަކަށް، ބިމުގައި هجرة ކޮށްއުޅޭނެ ގިނަތަންތަނާއި، ތަނަވަސްކަން ފެންނާނެތެވެ." ސޫރަތުއް ޒުމަރުގެ 10 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قُلْ يَا عِبَادِ الَّذِينَ آمَنُوا اتَّقُوا رَ‌بَّكُمْ ۚ لِلَّذِينَ أَحْسَنُوا فِي هَـٰذِهِ الدُّنْيَا حَسَنَةٌ ۗ وَأَرْ‌ضُ اللَّـهِ وَاسِعَةٌ ۗ إِنَّمَا يُوَفَّى الصَّابِرُ‌ونَ أَجْرَ‌هُم بِغَيْرِ‌ حِسَابٍ) މާނައަކީ: " ކަލޭގެފާނު ވިދާޅުވާށެވެ! އޭ إيمان ވި، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! މިދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަމީހުންނަށް ހެޔޮދަރުމަހުށްޓެވެ. އަދި اللَّه ގެ ބިންވަނީ ތަނަވަސްވެގެންނެވެ. ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ." والله أعلم

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.