އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. ޕޮމްޕެއޯ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހަށްފަހު މިސަރަހައްދުގެ ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މައިކް ޕޮމްޕެއޯ ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އިންޑިއާއާއި ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންކަމަށެވެ. މިއީ ފަހުގެ ތާރީހެއްގައި އެމެރިކާގެ މިހާ އިސްވެރިއަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓަކީ ޤައުމުގެ ޚަރިޖީ ގުޅުންތަކާއި ބެހޭ ލަފާ ރައީސްއަށް އަރުވާ އެންމެ އިސް ފަރާތެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާކަމާއި ގުޅޭގޮތުން ވަކިއެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ރާއްޖެއާއި އެމެރިކާގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި ދެޤައުމުގެ ސަރުކާރުން ގުޅިގެން މަސައްކަތްކުރުމަށް ދާދިފަހުން ވަނީ އެއްބަސްވެފައެވެ.
ކޮމެންޓު ފޮނުވާ