މިމަހުގެ 21 ވަނަދުވަހު އޮންލައިން ޕްލެޓްފޯމްގައި އަޅުވަން ނިންމާފައި އޮތް ފިލްމު "ތޫފާން" ރިލީޒްކުރުން ފަސްކޮށްފި އެވެ.
އެމެޒޯން ޕްރައިމް ވީޑިއޯ އިން މި މަހުގެ 21 ގައި ޕްރިމިއާކުރަން ނިންމާފައި އޮތް ފަރުހާން އަޚްތަރުގެ ފިލްމު "ތޫފާން" އެޅުވުން ފަސްކޮށްލާފައި މި ވަނީ އިންޑިއާގައި މިހާރު ކޯވިޑް ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާއި ގުޅިގެންނެވެ.
ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނީ އިންޑިއާގެ ހާލަތު މި ވަގުތު އޮތީ ފިލްމު ގެނެސްދެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ. އަދި ފިލްމު އެޅުވުމަށް ވުރެ ބޮޑަށް އިސްކަން ދެނީ ޓީމާއި މުވައްޒަފުންގެ އާއިލާތަކާއި މުޅިގައުމުވެސް ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތަށް އެހީވުމަށް ކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފައެވެ.
ފިލްމު ދެން އަޅުވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށްވެސް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.
“ތޫފާން” އަކީ ބޮކްސިންތެޅުންތެރިއެއްގެ ވާހަކަ ގެނެސްދޭ ސްޕޯޓްސް ޑްރާމާއެކެވެ. އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ 2013 ވަނަ އަހަރުގެ "ބާގް މިލްކާ ބާގް" އަށް ފަހު މެހެރާ އާއި ފަރުހާން އެކުގައި މަސައްކަތްކުރި ފުރަތަމަ ފަހަރެވެ.
"ތޫފާން" އިން ފަރްހާންގެ އިތުރުން މުރްނާލް ޓާކޫރާއި ޕަރޭޝް ރާވަލް ވެސް ފެނިގެންދާނެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބެލުންތެރިންނާހަމައަށް ގެނައުމަށް ފުރަތަމަ މަސައްކަތްކުރި ފިލްމެކެވެ.
ފަރްހާންގެ "ބާގް މިލްކާ ބާގް" ކަހަލަ މޮޅު އަދި ޝައުގުވެރި ފިލްމަކަށް މި ފިލްމުވެސް ވެގެންދާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރެއެވެ. "ތޫފާން" އަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމު ވެސް މެ އެވެ.