މިދިޔަ ހަފްތާގައި އެންމެ ގަދަޔަށް ދެކެވުނު ވާހަކައަކީ ކާތިކް އާރިޔަން "ދޯސްތާނާ 2″ގެ ކާސްޓުން ވަކިކުރި ވާހަކައެވެ. މި ފިލްމުގެ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރު އެވެ.
އެހެންނަމަ ވެސް ކޮވިޑް 19 އަދި މި ނޫންވެސް އިތުރު ސަބަބުތަކާއި ގުޅިގެން މި ފިލްމުގެ ޝޫޓިންގ ވަނީ ދިގުލައިގެން ގޮސްފައެވެ. ފިލްމުން ކާތިކް ވަކިކުރުމާއި ގުޅިގެން އުފެދުނު އެންމެ ބޮޑު ސުވާލަކީ ދެން މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ ކާކުތޯއެވެ.
ރިޕޯޓު ލިބިފައިވާ ގޮތުން ދަރްމާ ޕްރޮޑަކްޝަނުން ދަނީ މި ފިލްމުގެ ލީޑު ރޯލަށް ރާޖްކުމާރު ރާއޯ ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެނގިފައިވާ ގޮތުގައި އެންމެ ފުރަތަމަ ވެސް މި ފިލްމަށް ގެންނަން އުޅުނީ ރާޖްކުމާރެވެ. އެހެންނަމަވެސް އޭރު އޭނާއަށް ފިލްމަށް ވަގުތު ހުސްނުކުރެވުނީއެވެ.
މިހާރު މި ފިލްމުން ކާތިކް ވަކިވެފައިވާއިރު ދަރްމާ އިން ބޭނުންވަނީ އެމީހުންގެ އެންމެ ފުރަތަމަ ޗޮއިސް މި ފިލްމަށް ގެންނާށެވެ. އަދި މިހާރު މި ކަމުގެ ތައްޔާރީތައް ކުރަމުންގެންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ރާޖް ކުމާރު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ހިންދީ ފިލްމު "ރޫހީ" އިންނެވެ. މި ފިލްމުގައި އޭނާއާއި އެކުގައި ފެނިގެން ގޮސްފައިވަނީ ޖާންވީ ކަޕޫރާއި ވަރުން ޝަރްމާއެވެ.