ކާތިކް އެމްބިއުލާންސެއް ހޯދަނީ

ކާތިކް އެމްބިއުލާންސެއް ހޯދަނީ

Author
ފާތިމަތު ނާވީ
24 އޭޕްރިލް 2021 06:39
0

ކާތިކް އާރިޔަންގެ ވާހަކައަކީ މިދިޔަ ހަފްތާގައި ހެޑްލައިންތަކުން އެންމެ ގިނައިން ދެކެވުނު ވާހަކައެވެ. އެގޮތުން ހިންދީ ފިލްމު "ދޯސްތާނާ 2″ އިން އޭނާ ވަކިކުރި ވާހަކައަކީ ބެލުންތެރިންގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބިގެން ދިޔަ ވާހަކައެކެވެ.

ކާތިކް މި ފިލްމުން ވަކިކޮށްފައިވަނީ ގާތްގަނޑަކަށް 20 ވަރަކަށް ދުވަހުގެ ޝޫޓިންގ ނިންމިވެސް ފަހުންނެވެ. ފިލްމުން ކާތިކް ވަކި ކޮށްފައިވަނީ ކޮންސަބަބަކާހުރެކަމެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ބައެއް ރިޕޯޓުތަކުން އެނގޭ ގޮތުގައި އޭނާ ވަކިކޮށްފައިވަނީ ފަރުވާކުޑަކަމުން ޕްރޮޑަކްޝަން ހައުސްއަށް އެކިއެކި ގޮތްގޮތުން ގެއްލުންވަމުން ދާތީއެވެ.

މި ކަމާ ގުޅޭ ގޮތުން ކާތިކް އަދި ބަހެއް ބުނެފައެއް ނުވެއެވެ. އެހެންނަމަ ވެސް މި ހާދިސާއާއި ގުޅިގެންވަނީ ކޮންޓްރޮވާސީތަކެއް އުފެދިފައެވެ. މި ކަންތައްތަކަށްފަހު ސޯޝަލްމީޑިއާއާއި ދުރުގައި ހުރުމަށްފަހު ކާތިކް ފުރަތަމަ ކުރި ޓްވީޓަކީ ވަރަށް ތަފާތު ޓްވީޓެކެވެ.

އެގޮތުން ސޯޝަލްމީޑިއާއިން ފޭނުންނާއި މިވަގުތު ތަންކޮޅެއް ދުރުގައި ހުރި ކާތިކް ބުރާސްފަތި ދުވަހު ވަނީ އޭނާގެ ރަހުމަތްތެރިއަކަށް އެމްބިއުލާންސެއް ވަރަށް އަވަހަށް ބޭނުންވާކަމަށް ބުނެ ޓްވީޓެއްކޮށްފަ އެވެ. އަދި އެމްބިއުލާންސް ހިދުމަތަކާއި ގުޅޭނެ ނަމްބަރެއް ހޯދައިދިނުމަށް ވަނީ އެދިފައެވެ. އިންޑިއާގައި ކޯވިޑް 19 ހަލުވިކަމާއި އެކުގައި ފެތުރެމުންދާއިރު އެހާ ފަސޭހައިން އެމްބިއުލާންސްއެއް ނުލިބެއެވެ.

"ދޯސްތާނާ 2″ އިން ކާތިކް ވަކިކޮށްފައިވާ އިރު މިކަމާއި ބެހޭގޮތުން ކަރަން ޖޯހަރު އަދިވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް އާ ކާސްޓް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ދަރްމާއިންވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.