އިންޑިއާގެ ޓީވީ އެކްޓަރ ހީނާ ޚާންގެ ބައްޕަ މަރުވެއްޖެ އެވެ. ހިނާގެ ބައްޕަ އިއްޔެ މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. ރިޕޯޓު ތަކުން އެގިފައިވާ ގޮތުގައި ހިނާ ޚާން މިވަގުތު ހުރީ މަސައްކަތުގެ ދާއިރާގެ ގޮތުން އިންޑިއާއިން ބޭރުގަ އެވެ.
މިހިތާމަވެރި ޚަބަރު ލިބުމާއި އެކުގައި ހީނާ ޚާން ވަނީ ޝޫޓީން މެދުކަނޑާލުމަށްފަހު އެބުރި މުމްބާއިއަށް އައިސްފައިއެވެ.
ހީނާ ޚާންގެ ބައްޕަގެ މަރުގެ ވާހަކަ މުޅި ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު އާއިލާއިން އަދި ވަކި އެއްޗެއް ނުބުނެއެވެ. މި ވަގުތަކީ މުޅި އާއިލައަށް ހިތާމަ ވެރި ވަގުތެކެވެ. ޚާއްސަކޮށް ހީނާ އަށެވެ.
އެ އާއިލާގެ އެހެން މެމްބަރުންނަށް ވުރެ ބޮޑަށް ހީނާ އެންމެ ގާތީ އޭނާގެ ބައްޕައާ އެވެ. އެގޮތުން ލަހުން ޝޫޓިން ނިމޭ ރޭރޭގައިވެސް ހިނާގެ ބައްޕަ އޭނާ އަންނަންދެން މަޑުކޮށް ކާންދީ ހަދާކަމަށް އޭނާ ވަނީ ބުނެފައެވެ.
މި ޚަބަރާއި އެކުގައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށްއެދި ރައްޓެހިންނާއި ގިނަ ބެލުންތެރިން ގެންދަނީ ތައުޒިޔާގެ މެސެޖްތައް ފޮނުވަމުންނެވެ.