ކޯވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ އިޤްތިޞާދީ ދަތި ދުވަސްވަރު ރާއްޖޭގެ މިނިވަންކަމަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމުގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 77 ވަނަ ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވައި ދުންޔާ މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޤައުމީ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު ރާއްޖޭގެ އަމިއްލަ ވަންތަކަމާއި، ދިވެހިންގެ މިނިވަންކަން ގެއްލޭ ހިސާބަށް ދާކަމުގެ އިހުސާސްތައް ކުރެވޭކަމަށެވެ.
ދުނިޔެއަށް ދިމާވެފައިވާ ކޯވިޑްގެ ނުރައްކާތެރި ހާލަތާއިއެކު ޤައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި ލޮޅުންތަކެއް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއިމެދު ސުވާލުއުފެދޭ ކަންތައްތަކެއް ކުރިމަތިވަމުންދާކަމަށް ދުންޔާ ވިދާޅުވިއެވެ. އިޤްތިޞާދީ މިނާޒުކު ހާލަކާއި ގުޅިގެން ރާއްޖޭ މިނިވަންކަމަށް ގޮންޖެހުން ކުރިމަތިވާ އެތައްކަމެއް ފެންނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހި ރާއްޖޭގެ ފަޙުރުވެރި ޤައުމީ ދުވަހު، ރާއްޖޭގެ އަމިއްލަ ވަންތަކަމާއި މިނިވަންކަން ހިމާޔަތްކުރަން ގޮވާލަން! ކޯވިޑް-19 ޕެންޑަމިކް އާއި ގުޅިގެން ދިމާވެފައިވާ އިޤްތިޞާދީ ދަތި ދުވަސްވަރު ރާއްޖޭގެ މިނިވަންކަމަށް އެތައް ގޮންޖެހުންތަކެއް އެބަ ދިމާވޭ.
– ދުންޔާ މައުމޫން
ޤައުމީ ދުވަހާއި ގުޅިގެން ގިނަބައެއްގެ ތަހުނިޔާ އަރިސްކުރަމުންދާއިރު، ކުރީ ސަރުކާރުގެ އިސް މަޤާމުތައް ފުރުއްވި ބޭފުޅުންނާއި، އިދިކޮޅު ސިޔާސީ ބޭފުޅުންދަނީ މިއަދުގެ ހާލަތާއިމެދު ވަރަށްބޮޑަށް ކަންބޮޑުވެ ޝުޢޫރުފާޅު ކުރައްވަމުނެވެ. ޚާއްސަކޮށް މިހާލަތުގައި ސަރުކާރުން އިންޑިޔާއާއިއެކު ގާތް ގުޅުންތަކެއް ބާއްވައި އިންޑިޔާގެ އަސްކަރީ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކެއް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ޤައުމާއި މުޚާތަބް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވީ، ޚާރިޖީ ގުޅުމެއް ޤައުމަކާއި އެކު ހަރުދަނާ ކުރަނީ ދެކަމެއް ކަށަވަރުކުރަމުން ކަމަށެވެ. އެއީ ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުމާއި އެފަދަ ގުޅުންތަކުގެ ސަބަބުން ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރު ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ