އުުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުޑަކުދިންނަަށް ފައިޒާވެކްސިން %100 ކާމިޔާބު ކަމަށް ޑާޓާތަކުން ދައްކާކަމަށް، މި ވެކްސިން އުފެއްދި ފައިޒާރ/ބައޯއެންޓެކް ކުންފުނިން މިއަދު ބުނެފިއެވެ.
އަދި، މިއުމުރު ފުރާގެ ކުދިންނަށް، އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން މިވެކްސިން ދޭން ފެށުމުގެ ހުއްދައަށް އެދުމަށް މިހާރު ތައްޔަރުވަމުންދާ ކަމަށްވެސް ފައިޒާރ/ބައޯއެންޓެކް ކުންފުނިން ވަނީ ބުނެފައެވެ.
ފައިޒަރ ވެކްސިން ކުޑަކުދިނަށް ރައްކާތެރިތޯ ބެލުމަށް އެމެރިކާގައި 2،260 ކުދިން ހިމަނައިގެން ކުރިޔަށް ގެންދެވުނު، ފޭސް 3ގެ ޓަރައަލް އިން ދައްކާ ގޮތުގައި، "%100 ކާމިޔާބު އަދި މި ވައިރަހާ ދެކޮޅަށް ވަރަށް ރަގަޅަށް އެންޑިބޮޑީ މަސައްކަތް ކުރާކަމަށް ދައްކާ ކަމަށް،" ފައިޒާރ/ބައޯއެންޓެކްއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
"އަހަރެމެން މިހާރު ތައްޔާރު ވަމުން މިދަނީ، ކުރިޔަށް އޮތް މަދު ހަފްތާތަކުގެ ތެރޭގައި، މިވެކްސިން ބޭނުން ކުރުމަށް ކުރިން ދީފައިވާ އެމަޖެންސީ ހުއްދައަށް ގެނެވޭ އިތުރު ބަދަލެއްގެ ގޮތުގައި، ކުޑަކުދިންނަށް ވެކްސިން ބޭނުންކުރުމުގެ ހުއްދައަށް، ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމެރިކާގެ ވެކްިސންތަކަށް ހުއްދަ ދޫކުރާ އިދާރާ)އަށް ހުށަހެޅުމަށް، އަދި ދުނިޔޭގެ މިފަދަ އެހެން އޭޖެންސީތަކަށް ހުށަހަޅާއިގެން، ކުރިޔަށް އޮތް ދިރާސީ އަހަރު ފެށުމުގެ ކުރިން ވެޖްސިން ދޭން ފެށުމަށް،" ފައިޒާރ/ބައޯއެންޓެކްއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ޖަރުމަނުގެ ކުންފުންޏެއް ކަމުގައިވާ، ބައޯއެންޓެކްގެ ސީއީއޯ އުގުރު ޝިން ވިދާޅުވވާ ގޮތުގައި، ފުރާ އުމުރުގެ ކުޑަކުދިންނަށް މިވެކްސިން ވަރަށް ކާމިޔާބު ކަމަށް ދެއްކުމަކީ، B.1.1.7 UK ވޭރިއެންޓް ފާއިތުވެދިޔަ ހަފްތާތަކުގައި ފެތުރެމުން ދާދިއުމުގައި ހުރި ކަންބޮޑުވުންތަކަށް ލިބިގެންދިޔަ ވަރަށްބޮޑު ހައްލެއް ކަމުގައެވެ.
ފައިޒާރ/ބައޯއެންޓެކް ކުންފުނީގެ ވެކްސިނަކީ، ހުޅަގުގެ ގައުމުތަކުގައި ކޯވިޑް19 އައި ދެކޮޅަށް ބޭނުން ކުރެވެން ފެށުނު ފުރަތަމަ ވެކްސިނެވެ.
މިގޮތުން އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަން ވަނީ، އުމުރުން 16 އަހަރުން މަތީގެ މީހުންނަށް މިވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދޫކޮށްފައެވެ. އަދި މިހާތަނަށް ދުނިޔޭގެ 65 ގައުމެއްގައި އެތައް މިލިއަން މީހުންނަށް މިވެކްސިން ވަނީ ދެވިފައެވެ.
އަންގާރަ ދުވަހު ބައޯއެންޓެކް އިން މައުލޫމާތު ދީފައިވާ ގޮތުގައި، އެކުންފުނިން މިހާރު އަމާޒު ހިފާފައިވަނީ، މިއަހަރު، މިވެކްސިންގެ 2.5 ބިލިއަން ޑޯޒު އުފެއްދުމަށެވެ. މިވެކްސިން އުފައްދަމުން ދަނީ ބެލްޖިއަމްގައި ހުންނަ ފައިޒަރ ކުންފުނީގެ ކާރުޚާނާގައާއި، އަދި އެމެރިކާގެ 3 ތަނެއްގައި ހުންނަ ކާރުޚާނާތަކުގައެވެ.