މިދިޔަ މަހު ކައިވެނި ކުރި ބޮލީވުޑްގެ ތަރި ދިއާ މިރްޒާ މިހާރު ރާއްޖޭގައި ހޭދަކުރަމުންދާ ޗުއްޓީގެ ފޮޓޯތަށް ސޯޝަލް މީޑިއާގައި މިއަދު އާންމުކޮށްފި އެވެ.
ދިއާ އާއި އޭނަގެ ފިރިމީހާ ވައިބާވް ރޭކީ ޗުއްޓީ ހޭދަކުރަމުންދަނީ ހއ. އަތޮޅުގައި އޮންނަ ޖޭއޭ މަނަފަރު ރިސޯޓްގައެވެ. ދިއާ ޗުއްޓީގެ ފޮޓޯތަކާއި މަނަފަރުގެ ރީތި މޫދުގެ ވީޑިއޯއެއް މިއަދު ހިއްސާކުރީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައެވެ.
ޕްރިންޓެޑް ބީޗް ވެއަރ އެއްގައި މި ފޮޓޯތަކުން ދިއާ ފެންނަނީ ވަރަށް ހިތްގައިމުކޮށް އަދި އެހާމެ އުފާވެރި ހިނިތުންވުމެއްގަ އެވެ.
ދިއާ މިރްޒާ އާއި ވިޔަފާރިވެރިޔާ ވައިބާވް ރޭކީގެ ކައިވެނި ކުރީ މިދިޔަ ފެބްރުވަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މި ދެ މީހުންގެ ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ ކުޑަ ގޮތަކަށެވެ. ހަފްލާއަށް ދައުވަތު ދިނީ ހަމައެކަނި އާއިލާ އަދި ގާތް ރައްޓެހިންނަށެވެ.
ދިއާ އާއި ވައިބާވް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ ވާހަކަ ސްމީޑިއާގައި އާންމުވީނަމަވެސް މި ދެމީހުންވެސް ވަނީ މި ގުޅުން ވީހާވެސް ބޮޑަށް ސިއްރުކޮށްފަ އެވެ. މި ގުޅުން ސިއްރުކުރީ ބޭކާރު އެޓެންޝަން ބޭނުންނުވާތީކަމަށް އޭނާ ވަނީ ބުނެފައެވެ.
މި ކައިވެންޏަކީ މި ދެމީހުންގެވެސް ދެވަނަ ކައިވެންޏެވެ. އެގޮތުން ދިއާ ކުރިން ކައިވެނި ކޮށްފައިވަނީ ފިލްމު ޕްރޮޑިއުސަރެއް ކަމަށްވާ ސާހިލް ސަންގްހާ އާއެވެ. އަދި ވައިބާވްގެ ކުރީގެ އަނބިމީހާއަކީ ސުނައިނާ ރޭކީއެވެ.