ވެރިކަމަށް އަންނަ ކޮންމެ ބަޔަކު ސަމާލަތީ ބާރުތައް ސިޔާސީ މުއައްސަސާއަކަށް ނުހައްދެވުމަށް ސިފައިންގެ ޚިދުމަތުގައި ކުރިން ހުންނެވި ކެޕްޓަން ޢަލީ އިޙްސާން އިލްތިމާސް ކުރައްވައިފިއެވެ.
އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅިގެން އާންމުންގެ ތެރޭގައި ދެކެވޭ ވާހަތަކަށް އިހުސާން ދަނީ ރައްދު ދެއްވަމުންނެވެ. ޚާއްސަކޮށް ޤައުމުގެ ސަލާމަތީ ކަންކަން ބަލެހެއްޓުމުގެ ޒިންމާ އުފުލާ ފަރާތްތަކާއިމެދު އެއްވެސް ހަގީގަތެއްނެތި ވާހަކަ ދެއްކުމަކީ ގަބޫލު ކުރެވޭ ކަމެއްނޫންކަމަށް އިހުސާން ވަނީ ވިދާޅުފައެވެ.
މަލްޓިޕާޓީ ނިޒާމުގެ ތެރެއިން ރައްޖޭގައި ވެރިކަން ކުރަން ފެށުމާއިއެކު އަބަދުވެސް ވެރިކަމަށް އަންނަ ބަޔަކު ދަނީ ސަލާމާތީ ބާރުތަކަށްވެސް އެކި ބަދަލުތައް ގެންނަމުންނެވެ. މިކަމާއި ގުޅިގެން އިހުސާން ވިދާޅުވީ ސަލާމަތީ ބާރުތަކުގެ ގޮތުގައި ހިމެނޭ ސިފައިންނާއި، ފުލުހުންނަކީ އަންނަ ކޮންމެ ސަރުކާރަކުން ބަދަލުކޮށް، ވަކި ބަޔަކު ވަޒީފާތަކުން ކަނޑައި، ހަދޭ މުއައްސަސާއަކަށް ވެއްޖެނަމަ ޤައުމުގެ ސަލާމަތީ ބާރުތަކުގެ ރައްކާތެރިކަން ކުޑަވާނެކަމަށެވެ.
ދައުލަތުގެ ތެރޭގައި ހުރިހާ މުއައްސަސާއަކީ ސިޔާސީ މުއައްސަސާއަށް ވެއްޖެނަމަ އެކަމުގެ ނުރައްކާ މާބޮޑަށް އިތުރުވާނެކަމަށް އިހުސާން ވިދާޅުވިއެވެ. ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް މަސައްކަތް ކުރާ މީހުންނަކީ އަބަދުވެސް ހައްގުގޮތުގައި މަސައްކަތް ކުރަބަޔަކަށް ވާއިރު އަންނަ ކޮންމެ ސިޔާސީ އޮއިވަރަކާއިއެކު ސަލާމަތީ ބާރުތަކަށް ބަދަލު އަންނަނަމަ އެއީ ވަރަށް ދެރަ ކަމެއްކަމަށް އިހުސާން ވިދާޅުވިއެވެ.
ސިފައިންނާއި ފުލުހުންގެ މުވައްސަސާއަކީ އެއް ޕާޓީ ވެރިކަމަށް އައިސް މީހުން ކަނޑާ އަނެއް ޕާޓީ ވެރިކަމަށް އައިސް މީހުން ވައްދާ ސިޔާސީ މުއައްސަސާއަކަށް ނުހައްދަވާ! ދައުލަތުގެ ހައްގުގައި ކޮންމެވެސް ބަޔަކު ސިޔާސީނުވެ ތިބެންޖެހޭނެ. އެހެން ނޫނީ އަޅުގަނޑުމެން ޤައުމެއްގެ ގޮތުގައި ވަރަށް ނިކަމެތިވެދާނެ.
– އިހުސާން ވިދާޅުވިއެވެ.
އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅިގެން އިހުސާން ވިދާޅުވެފައިވަނީ އެތަނުގައި އިންޑިއާ ސިފައިންނަށް ހަތިޔާރާއެކު ތިބެވޭނެގޮތަށް އެއްބަސްވުން އެކުލިބަޔަކު ވަނީ ދިވެހި ފަސްގަނޑަށް ޣައްދާރުވެފައިކަމަށެވެ. އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެގޮތަށް ރާއްޖެއިން އިންޑިއާއާއެކު ހަދާފައިވާ އުތުރު ތިލަފަޅު އެއްބަސްވުން ލީކުކޮށްލާފައިވާއިރު، އެ އެއްބަސްވުމުގައި ވާގޮތުން އިންޑިއާ ސިފައިންނަށް އުތުރު ތިލަފަޅުގައި 60 އަހަރު ތިބެވޭނެކަމަށް ބުނެފައިވެއެވެ.
އެކަމާއި ގުޅިގެން ކެޕްޓަން ރިޓަޔަރޑް އިޙްސާން ވަނީ ޤައުމާދޭތެރޭ ކަންބޮޑުވާ ހާލު އެ އެއްބަސްވުމުގެ ސޮއި ކުރި ވަރޝަން ހާމަކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައްވާފައެވެ. އިޙްސާން ވަނީ މި އެއްބަސްވުން އެކުލަވާލީ ދިވެހި ފަސްގަނޑަށް ޣައްދާރުވެފައިވާ ބައެއްކަމަށް ސިފަކުރައްވާފައެވެ.
އިންޑިއާއެކު ރާއްޖެއިން އެކުލަވާލި އުތުރު ތިލަފަޅު އެއްބަސްވުން ބަޔާންކުރާގޮތުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތުކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެއެވެ. ނަމަވެސް 30 އަހަރު ފަހުން ދިވެހި ސަރުކާރުން ދެކޮޅު ހަދައިފިނަމަ ނުތިބެވޭނެއެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ. އަދި އެތަނުގައި ކުރާނެ ކަންކަން ނިންމާނީ އިންޑިއާ ސިފައިންނާއި ދިވެހި ސިފައިން އެކުވެފައި އުފައްދާފައި އޮންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމެޓީއަކުންކަމަށާއި، އެތަނުގައި މަސައްކަތެއްކުރުމަށް ކޮންޓެކްޓަރުން ހަމަޖައްސާނީވެސް އިންޑިއާ ސަރުކާރުން ކަމަށް އެއްބަސްވުމުގައި ބަޔާންކުރެއެވެ.
ކޮމެންޓު ފޮނުވާ