އީރާނާއެކު ވެފައިވާ ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމާ އެމެރިކާ ޚިލާފުވަމުން އަންނަ ކަމަށް، އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޣަލިބާފް ފާހަގަކުރެއްވި ގޮތުގައި، އެމެރިކާ އިން އީރާނަށް ހަމަލާދިނުމާއި، ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތައް އިއާދަކުރުމާއި، އިތުރު ހަމަލާދޭނެ ކަމުގެ ބިރު ދެއްކުމާއި، ހުރްމުޒް ކަނޑުއޮޅީގައި އީރާނުން ގެންގުޅޭ އުސޫލުތަކާ މެދު ދެކޮޅު ހެދުމާއި، ލުބުނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަކީ ވެފައިވާ އެއްބަސްވުމާ ސީދާ ޚިލާފު އަމަލުތަކެކެވެ. "ބިރު ދެއްކުމާއި ބާރުގަދަކުރުމުގެ ދައުރު މިހާރު ނިމިއްޖެ" ކަމަށާއި، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ކުރިމަތީގައި އީރާން ފަހަތަށް ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޣަލިބާފްގެ މި ބަޔާން ނެރުއްވާފައި ވަނީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޓޭންކަރުތަކަކަށް އީރާނުން ހަމަލާދިން ކަމަށް ތުހުމަތުކޮށް، އަންގާރަ ދުވަހު އެމެރިކާ އިން އީރާނުގެ ތެލުގެ ސިނާއަތަށް ދީފައިވާ ވަގުތީ ލުއިތައް އުވާލައި، ސިލްސިލާ ހަމަލާތަކެއް އަމާޒުކުރި ފަހުންނެވެ. މީގެ ރައްދުގައި އީރާނުގެ އިންޤިލާބީ ގާޑުންގެ ކަނޑާއި ވައިގެ ސިފައިން ގުޅިގެން، ކުވެއިތާއި ބަޙްރެއިންގައި ހުރި އެމެރިކާގެ 85 އަސްކަރީ އަމާޒަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ.
ބައިނަލްއަޤުވާމީ މާހިރުން ދެކޭ ގޮތުގައި، މި ހަމަނުޖެހުންތަކާއެކު ދެ ޤައުމުގެ ދެމެދުގައި މިދިޔަ މަހު ސޮއިކުރި ވަގުތީ އެއްބަސްވުމަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެ، ސަރަހައްދުގެ މަޝްރަޙު އިތުރަށް ގޯސްވުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
ކޮމެންޓު ފޮނުވާ