ނޭޕާލް-ޓިބެޓް ސަރަޙައްދީ ރޮނގު ކައިރީގައި ދާދިފަހުން ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާ ހިނގާފައިވަނީ ބޮޑު ޤުދުރަތީ ގަނޑުފެންގަނޑެއްގެ ބައެއް ނެއްޓި ވާދީއަކަށް ވެއްޓުމުގެ ސަބަބުން ކަމަށް، ސެޓެލައިޓް ފޮޓޯތަކަށް ބިނާކޮށް ތަޖުރިބާކާރުން ވިދާޅުވެއްޖެއެވެ.
ޔުނިވަސިޓީ އޮފް ކެލްގަރީގެ ސައިންޓިސްޓް ޑޭން ޝުގާ ވިދާޅުވި ގޮތުގައި، 5،200 މީޓަރު އުހުން ނެއްޓުނު ބޮޑު ގަނޑުފެންގަނޑެއް 1،200 މީޓަރު ތިރީގައި އޮތް ވާދީއަށް ވެއްޓިފައިވެއެވެ. އަދި ހާދިސާ ހިނގުމުގެ ކުރީގެ 24 ގަޑިއިރު ތެރޭގައި ގިނަ ޢަދަދެއްގެ ގަނޑުފެން ވިރިފައިވާ ކަން ވެސް ފޮޓޯތަކުން ފާހަގަވެއެވެ. މީގެއިތުރުން، އިންޑިޔާގެ ސިއްކިމް ޔުނިވަސިޓީގެ ޕްރޮފެސަރ ވިކްރާމް ގުޕްތާ ވެސް ވަނީ ގަނޑުފެންގަނޑުގެ ބޮޑު ބައެއް ނެއްޓިފައިވާ ކަން ކަށަވަރުކޮށްދެއްވާފައެވެ.
ގަނޑުފެންގަނޑު ނެއްޓެން ދިމާވި ސީދާ ސަބަބު އަދިވެސް ސާފުވެފައި ނުވިޔަސް، އެއީ ހާދިސާ ހިނގުމުގެ މިނެޓުކޮޅެއް ކުރިން އެ ސަރަޙައްދަށް އައި ބިންހެލުމަކާ ގުޅިގެން ހިނގި ކަމަކަށް ވުން އެކަށީގެންވާ ކަމަށް ނޭޕާލްގެ އޮފިޝަލުން ވިދާޅުވެއެވެ. މި ހާދިސާގައި މިހާތަނަށް 100އަށްވުރެ ގިނަ މީހުންގެ ހަށިތައް ފެނިފައިވާއިރު، މަރުވި މީހުންގެ ޢަދަދު އިތުރުވާނެ ކަމަށާއި، 300އަށްވުރެ ގިނަ ދަތުރުވެރިން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދުނިޔެ ހޫނުވުމުގެ ސަބަބުން ފާއިތުވި 30 އަހަރު ތެރޭގައި ނޭޕާލްގެ ފަރުބަދަތަކުގައި ހުރި ގަނޑުފެންގެ ތިންބައި ކުޅަ އެއްބައި ވަނީ ވިރިގެން ގޮސްފައެވެ. ފާއިތުވި 10 އަހަރު ތެރޭގައި ގަނޑުފެން ވިރޭ މިންވަރު، އޭގެ ކުރީ 10 އަހަރާ އަޅާބަލާއިރު 65 އިންސައްތަ އިތުރުވެފައިވާ ކަމަށް 2023 ވަނަ އަހަރު އދން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ