ކުކުޅު ބިސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށާއި، އެއްވެސް ކޮންޓްރޯލެއް ނެތި ބިސް ވިއްކަމުންދާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކުރައްވައިފިއެވެ.
ރާއްޖެއިން ބިސް ހުސްވެ، ބައެއް ފަހަރު ކޮންޓްރޯލްކޮށްގެން ބިސް ވިއްކަމުންދާ ކަމަށް ބުނެ މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެސްޓީއޯއިން ވިދާޅުވީ، މިވަގުތުވެސް ބިހުގެ އިތުރު ޝިޕްމަންޓްތައް ލިބެމުންދާ ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދަތިކަމަކާ ނުލައި ބިސް ލިބޭނެ ކަމަށެވެ.
އަގުހެޔޮކޮށް ދެމެހެއްޓެނިވި ގޮތެއްގައި ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ބިހާއެކު 23 ބާވަތެއް ސަރުކާރުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. މި ބާވަތްތައް މެދުކެނޑުމެއް ނެތި ބާޒާރުގައި ލިބޭކަން ކަށަވަރު ކުރުމަށްޓަކައި އިޤްތިޞާދީ ވުޒާރައިން ޤަވާއިދުން މޮނިޓަރކުރަމުންދާއިރު، މުދަލެއް މަދުވެއްޖެ ޙާލަތެއްގައި އެސްޓީއޯ މެދުވެރިކޮށް އެ ބާވަތެއް ގެނެސް ބާޒާރުގައި އަގު ހިފެހެއްޓުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ