ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގައި ދިވެހި އިންޖިނޭރުންގެ ޙިއްޞާ އިތުރުކުރުމަށްޓަކައި، އިންޖިނިއަރިންއާއި ސައިންސްގެ ދާއިރާތަކުން ދިވެހިން ތަމްރީނުކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަތީ ތަޢުލީމަށްދާ ދިވެހިންގެ ތެރެއިން އިންޖިނިއަރިންއާއި ސައިންސްގެ ދާއިރާތައް ޚިޔާރުކުރާ މީހުންގެ ޢަދަދު ނިސްބަތުން ވަރަށް މަދު ކަމަށާއި، ސިވިލް، އިލެކްޓްރޯނިކް އަދި މެކޭނިކަލް އިންޖިނިއަރިން ފަދަ ދާއިރާތަކުން ދިވެހިން ބިނާކުރުމަކީ ޤައުމުގެ އިޤްތިޞާދަށް ނުހަނު ފައިދާ ކުރާނެ ކަމެއް ކަމަށެވެ. އަދި ބޭރުގެ އިންޖިނޭރުންގެ ބަދަލުގައި ރާއްޖޭގެ ތަރައްޤީގެ މައިދާނުގައި ދިވެހި ފަންނުވެރިން އިސް ދައުރެއް އަދާކުރާ މަންޒަރު ފެނުމަކީ އެމަނިކުފާނުގެ އުއްމީދު ކަމަށްވެސް ވިދާޅުވިއެވެ.
ސިނަމާލެ ބުރިޖު އިފުތިތާޙުކުރެވުނު ދުވަހާ ގުޅުވައިގެން ކޮންމެ އަހަރެއްގެ އޮގަސްޓު 30 ވަނަ ދުވަހަކީ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމަވާފައިވާއިރު، މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންގެ ހިތްތަކުގައި މި ދާއިރާއަށް ޝައުޤުވެރިކަން އުފެއްދުން ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ދިވެހި އިންޖިނޭރުންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން މިއަހަރުން ފެށިގެން 10 ގިންތިއަކުން "އިންޖިނޭރުންގެ އެވޯޑު" ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ