އެމްއެމްއޭއިން ކަނޑައަޅާ ރޭޓާ ޚިލާފަށް ޑޮލަރު ވިއްކުމާއި، އެފަދަ މުއާމަލާތްތައް އިސްތިހާރު ކުރުމަކީ ކުށެއް ކަމުގައި ކަނޑައަޅައި، ބޭރު ފައިސާއާބެހޭ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު މަޖިލީހުން ފާސްކުރީ 47 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް 12 މެންބަރުން ވޯޓު ދެއްވިއެވެ.
އައު އިސްލާހުގައިވާ ގޮތުން، އެމްއެމްއޭއިން ކަނޑައަޅާ ރޭޓު ނުވަތަ ބޭންޑަށްވުރެ މަތީ އަގެއްގައި ބޭރު ފައިސާ ވިއްކުމުން ނުވަތަ ވިއްކަން މަސައްކަތްކުރުމުން 25،000 ރުފިޔާއާއި 1 މިލިޔަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ޑިޖިޓަލް ވަސީލަތްތައް ހިމެނޭ ގޮތުން، މަތީ ރޭޓެއްގައި ޑޮލަރު ގަނެވިއްކުމަށް އިސްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމަކީ ވެސް ކުށެއް ކަމަށް ކަނޑައަޅައި، އެ ކުށަށް 25،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކަނޑައަޅާފައިވެއެވެ. ޤާނޫނީ ޝަޚުސެއް މި ކުށްތަކުގައި ޝާމިލުވާނަމަ 100،000 ރުފިޔާއާއި 5 މިލިޔަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.
މީގެ އިތުރުން، ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމުވާ މިންވަރު 15 މިލިޔަން ޑޮލަރުން 25 މިލިޔަން ޑޮލަރަށް ވަނީ މަތިކޮށްފައެވެ. ފުނަދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި އިސްލާހާއެކު، ކެޓަގަރީ-އޭގައި ހިމެނޭ ޓޫރިޒަމް އެސްޓަބްލިޝްމަންޓުތަކުން މީލާދީ މަހެއްގައި ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީގެ %40 ދިވެހި ރުފިޔާއަށް މާރުކުރުން ލާޒިމުވާނެއެވެ. މިހާރު އަމަލުކުރަމުންދާ ޤާނޫނުގައި އޮންނަނީ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން ނުވަތަ ޖުމްލަ އާމްދަނީގެ %20 މާރުކުރުމަށެވެ.
ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގޭނީ ހަމައެކަނި އެމްއެމްއޭގެ ލައިސަންސާއެކުގައި ކަމަށާއި، ލައިސަންސް ނެތި ނުވަތަ ގަވާއިދާ ޚިލާފަށް އެފަދަ މުއާމަލާތްތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ އުޞޫލުތައް ވެސް އައު އިސްލާހުގައި ވަނީ ހިމަނާފައެވެ.
ކޮމެންޓު ފޮނުވާ