ވިއްސާރާގައި ނައިފަރުގައި 16 ގެއަކަށް، ނޮޅިވަރަމްގައި 95 އިންސައްތަ ގެތަކަށް ފެން ވަދެއްޖެ

ވިއްސާރާގައި ނައިފަރުގައި 16 ގެއަކަށް، ނޮޅިވަރަމްގައި 95 އިންސައްތަ ގެތަކަށް ފެން ވަދެއްޖެ

Author
އަހުމަދު
23 އޮކްޓޯބަރ 2026 11:33
0

 

ރާއްޖެއަށް ކުރަމުންދާ ބޮޑު ވިއްސާރައާ ގުޅިގެން ޅ. ނައިފަރުގެ 16 ގެއަކަށް ފެންވަދެ، ދެ ގެއެއްގައި ދިރިއުޅޭ މީހުން އެހެން ތަނަކަށް ބަދަލުކޮށްފައިވާއިރު، ނޮޅިވަރަމްގައި 95 އިންސައްތަ ގެތަކަށް ފެން ވަދެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ގެއްލުން ލިބުނު ފަރާތްތަކަށް ތިން ދުވަހަށް ކާނާއާއި ބޭތިއްބޭނެ ތަނުގެ އިންތިޒާމު ކައުންސިލްތަކާ ގުޅިގެން ހަމަޖައްސަމުންދާ ކަމަށެވެ.

ކުޅުދުއްފުށީގައި ހަތް ޕަންޕު ބޭނުންކޮށްގެން ފެން ނައްތަމުންދާއިރު، 18 ގެއެއްގެ 140 އަށްވުރެ ގިނަ މީހުން ދެ ސްކޫލަކަށް ވަގުތީގޮތުން ބަދަލުކުރަމުންދެއެވެ. ނޮޅިވަރަމުގެ ގާތްގަނޑަކަށް 95 އިންސައްތަ ގެތަކަށް ފެން ވަދެފައިވާއިރު، ރަށުގެ މީހުން ފުލުހުންގެ އެހީގައި އެހެން ގެތަކަށް ބަދަލުވަމުންދެއެވެ. ނޮޅިވަރަންފަރުގައިވެސް ދެ ޕަންޕުން ފެން ހިންދަމުންދެއެވެ.

ނެއްލައިދޫގެ 10 ވަރަކަށް ގެއަކަށް ފެން ވަދެފައިވީނަމަވެސް މީހުން ބަދަލުކުރަން ޖެހިފައެއް ނުވެއެވެ. ކުމުންދޫގެ ތިން ގެއެއްގެ ކާބޯތަކެތި ހަލާކުވި ނަމަވެސް، މިހާރު ރަށުގެ ހާލަތު ރަނގަޅުވެފައިވާއިރު، ވައިކަރަދޫގެ ދަނޑުބިންތަކަށް ބޮޑު ގެއްލުން ލިބިފައިވެއެވެ.

ފިއްލަދޫ، ކެލާ އަދި މާރަންދޫގައި ކޯރު ކަނޑައިގެން ފެން މޫދަށް ދޫކޮށްލާފައިވާއިރު، ދިއްދޫއާއި އިހަވަންދޫގައި ވެލިބަސްތާ ޖަހައިގެން ގެތައް ރައްކާތެރިކުރަމުންދެއެވެ. ތަކަންދޫގައި ގެއްލުންވި ގެތަކުގެ އަންދާޒާ ހަދަމުންދާއިރު، ބާރަށް، ހޯރަފުށި، މޮޅަދޫ، މުރައިދޫ، އުލިގަމު، އުތީމު އަދި ވަށަފަރުގެ މަގުތަކުގައި ފެން ހެދުނު ނަމަވެސް އެއްވެސް ގެއަކަށް ގެއްލުމެއް ނުލިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.