ޔޫއޭއީގެ މިނިސްޓްރީ އޮފް އިންޓީރިއާގެ އިސްނެގުމުގައި ހިންގި "އޮޕަރޭޝަން ކޮންފްރަންޓޭޝަން ގޯސްޓް" ގައި ބައިވެރިވެ، ދިވެހި ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ސްކޭމްތަކުގައި ރައްޔިތުންނަށް ގެއްލުނު 3.1 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ އަނބުރާ ހޯދައިދީފިއެވެ.
ޖުލައި 1 އިން ސެޕްޓެމްބަރު 30 އަށް ހިންގި މި އޮޕަރޭޝަނުގެ ތެރޭގައި ސެންޓަރަށް 544 މައްސަލައެއް ހުށަހެޅިފައިވާއިރު، އެ މައްސަލަތަކުގައި ޖުމްލަ 5.26 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ. އޭގެ ތެރެއިން 3،104،075 ރުފިޔާ، ނުވަތަ ގާތްގަނޑަކަށް 59 އިންސައްތަ އަނބުރާ ހޯދައިދެވުނީ، ފައިސާ ދައުރުކުރުމުގެ ކުރިން ބޭންކުތަކާ ގުޅިގެން ހިފެހެއްޓުމުންނެވެ. މި މުއްދަތުގައި ތުހުމަތުކުރެވޭ 847 ފަރާތެއް ދެނެގަނެ، 17 މީހަކު ހައްޔަރުކޮށް، 1،088 ބޭންކު އެކައުންޓެއް ވަގުތީގޮތުން ފްރީޒްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ހުށަހެޅުނު މައްސަލަތަކުން އެންމެ ގިނައީ އޮންލައިންކޮށް މުދާ ގަތުމާއި ވިއްކުމުގެ ނަމުގައި ހިންގި 230 ސްކޭމެވެ. ދެވަނައަށް ގިނައީ ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 107 މައްސަލައެވެ. ބުކިން ކެންސަލްކުރުމާއި ރީފަންޑްގެ ނަމުގައި ހިންގާ ސްކޭމަކީ ރާއްޖޭގައި އިތުރުވަމުން އަންނަ އާ ބާވަތެއް ކަމަށް ފުލުހުން ފާހަގަކުރިއިރު، މި ބާވަތުގެ 80 މައްސަލައެއް ހުށަހެޅިފައިވެއެވެ.
30 ގައުމަކާއި އިންޓަޕޯލް ބައިވެރިވި މި އޮޕަރޭޝަނުގައި ދުނިޔޭގެ ފެންވަރުގައި 960 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށް، 29 ސްކޭމް ސެންޓަރެއް ރެއިޑްކޮށް، ކުށުން ހޯދި ކަމަށް ބެލެވޭ 39 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާއާއި ޑިޖިޓަލް އެސެޓް ދެނެގަނެވިފައިވެއެވެ.
ކޮމެންޓު ފޮނުވާ