އިދިކޮޅު އެމްޑީޕީގެ ނައިބު ރައީސް ހިސާން ހުސެއިން އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ހިސާން ވިދާޅުވީ، އޭނާ އެ މަގާމަށް އައްޔަން ކުރެއްވި ކުރީގެ ޕާޓީގެ ރައީސް އަބްދުالله ޝާހިދު އެ މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެން، އާ މެންޑޭޓެއް ނެތި ނައިބު ރައީސްކަމުގައި ދެމިހުރުމަކީ ޑިމޮކްރެސީގެ އަސާސްތަކާ އެއްގޮތް ކަމެއް ނޫން ކަމަށެވެ.
އަންނަ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި ޝާހިދު ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވީ މި މަހުގެ 14 ވަނަ ދުވަހު އެވެ. ޝާހިދު އެ މަގާމަށް އިންތިހާބުވެވަޑައިގަތީ، 2023 ވަނަ އަހަރު ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވައި، އެމްޑީޕީން ވަކިވެވަޑައިގަތުމުންނެވެ.
ކުރީގެ ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް ހިސާން ސިޓީގައި އިތުރަށް ވިދާޅުވީ، ޕާޓީގެ ރަސްމީ މަގާމެއްގައި ނެތް ކަމުގައި ވިޔަސް، އާއްމު މެމްބަރެއްގެ ހައިސިއްޔަތުން ޕާޓީގެ ކުރިއެރުމަށް ހިދުމަތް ކުރެއްވުމުގައި އަބަދު ވެސް ދެމިހުންނަވާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޝާހިދުގެ ކެންޑިޑެސީ އިއުލާން ކުރަން އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ހިސާން ބައިވެރިވެވަޑައިގަތެވެ. އަދި ޝާހިދުގެ ކެމްޕެއިނަށް ވަގުތު ދެއްވުމަށްޓަކައި ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲ ވެސް އިއްޔެ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ކޮމެންޓު ފޮނުވާ