ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްދާ ތާރު އެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
މާރިޗު މަހުގެ 24 ގައި ފެށި މި މަސައްކަތް މިހާރު ކުރިއަށްދަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮންނަ ސަރަހައްދުގައެވެ. އޭގެ ތެރެއިން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް ތާރު އަޅައި ނިންމާފައިވާ ކަމަށާއި، ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މަގު އަލުން އާންމުންނަށް ހުޅުވާލާނީ ތާރު އެޅުމުގެ މުޅި މަސައްކަތް އެއްކޮށް ނިންމުމަށްފަހު ކަމަށާއި، މި ސަރަހައްދު އަންނަ މަހުގެ 26 އަށް ހުޅުވާލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން އަލުން ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫއުގައި އެންމެ ފުރަތަމަ ނިންމީ ޖުމްހޫރީ މައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައި، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އެޅުމުގެ މަސައްކަތެވެ.
ކޮމެންޓު ފޮނުވާ