ދިވެހި ލިޔުންތެރިން ތެދުވެރި، އަމާނާތްތެރި ބަޔަކަށް ވާންޖެހޭ: ރައީސް

ދިވެހި ލިޔުންތެރިން ތެދުވެރި، އަމާނާތްތެރި ބަޔަކަށް ވާންޖެހޭ: ރައީސް

Author
އަހުމަދު
08 ޖުލައި 2026 12:29
0

ދިވެހި ބަހުން ލިޔާ ކޮންމެ ލިޔުންތެރިއަކީވެސް ޙައްޤުބަސް ފެތުރުމަށާއި، ޤައުމު ފަޚުރުވެރިވާނެ ފަދަ އަމާނާތްތެރި ބަޔަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހައި ލިޔުންތެރިންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި ޚިޠާބުގައި ރައީސް ވިދާޅުވީ، ކޮންމެ ލިޔުންތެރިއަކީވެސް ތިމާއަށާއި އަނެކުންނަށް މިއަދާއި މާދަމާ ފައިދާކުރާނެ ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފެތުރުމަށް މަސައްކަތްކުރާ މީހަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ރީތިކޮށް މުޚާޠަބުކުރުމަށް އިސްކަންދިނުމަކީވެސް ކޮންމެ ލިޔުންތެރިއެއްގެ ޒިންމާއެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާތްވެގެންވާ އިސްލާމްދީނަކީ އުނގަންނައިދިނުމާއި، ތެދު މަޢުލޫމާތު ފެތުރުމަށާއި، ލިޔުންތެރިކަން ކުރިއެރުވުމަށް ނުހަނު ބޮޑަށް ބާރުއަޅާ ދީނެއް ކަން ރައީސްގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން، ދިވެހި ލިޔުންތެރިންގެ މަސައްކަތްތައް ބައްޓަންކުރަންވާނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ދިވެހި ލިޔުންތެރިން ވާންޖެހޭނީ، މި ޤައުމު އަބަދުމެ ފަޚުރުވެރިވާނެ، މި ޤައުމަށް ފާގަތިވާނެ ގޮތަށް ލިޔާ އަމާނާތްތެެރި ޤައުމުދެކެ ލޯބިވާ ބަޔަކަށް،" ރައީސް ވިދާޅުވިއެވެ.

ލިޔުންތެރިއެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފައަކީ ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ ޚިޠާބު ނިންމަވާލެއްވީ، ރާއްޖޭގެ އެހާރާއި މިހާރުގެ ލިޔުންތެރިން ކުރައްވަމުންދާ އިޚްލާޞްތެރި މަސައްކަތްތަކުގައި ބަރަކާތްލެއްވުން އެދި ދުޢާކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.