އެމަނިކުފާނުގެ ދަރިކަލަކު އަވަހާރަކޮށްލުމަށް އީރާނުން މަސައްކަތްކޮށްފައިވާ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތުހުމަތުކުރައްވައިފިއެވެ.
އިސްރާއީލުގެ 'ޗެނަލް 14′ އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ މިކަން ހާމަކުރެއްވި ނަމަވެސް، ހަމަލާދޭން މަސައްކަތްކުރީ އޭނާގެ ދެ ދަރިކަލުން ކަމަށްވާ ޔައިރް އާއި އަވްނަރްގެ ތެރެއިން ކޮން ބޭފުޅަކަށް ކަމެއް، އަދި އެކަން ހިނގި ދުވަހެއް ވިދާޅެއް ނުވެއެވެ. އިސްރާއީލުގެ ނޫސްވެރިޔާ އަމިތު ސޭގަލް ބުނި ގޮތުގައި، މި ހާދިސާގެ މައުލޫމާތު މީގެ މަސްތަކެއް ކުރިން ލިބިފައިވީ ނަމަވެސް، އާންމުކުރުން އޮތީ މަނާކޮށްފައެވެ.
ސިޔާސީ އިސް ފަރާތްތަކުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، އިސްރާއީލުގެ އެތެރޭގެ ސަލާމަތީ އިދާރާ 'ޝިން ބެޓް' އިން ރައްކާތެރިކަން ފޯރުކޮށްނުދީފި ނަމަ، އީރާނުގެ މަސައްކަތް ކާމިޔާބުވުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި ބޮޑުވަޒީރުކަމަށް ވާދަކުރައްވާ ކޮންމެ ކެންޑިޑޭޓަކަށް ވެސް އެކަށީގެންވާ ސަލާމަތީ ރައްކާތެރިކަން ދިނުމަށް ޝިން ބެޓްގެ ވެރިޔާގެ ކިބައިން އެދިވަޑައިގެންފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ނަތަންޔާހޫގެ ދޮށީ ދަރިކަލުން ޔައިރް ގިނަ ވަގުތު ހޭދަކުރައްވަނީ އެމެރިކާގެ މިއާމީގައި ކަމަށާއި، ހަގު ދަރިކަލުން އަވްނަރް ދިރިއުޅުއްވަނީ އިސްރާއީލުގައި ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. ނަތަންޔާހޫގެ މި ތުހުމަތުތަކާ ގުޅިގެން އީރާނުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ. މީގެ ކުރިން ނަތަންޔާހޫގެ ގެކޮޅަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާގައި ވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ