މި ސަރުކާރުގެ އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 716 ހެކްޓަރުގެ ބިން ހިއްކިއްޖެ ކަމަށާއި، މިއާއެކު ރަސްމާލެއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބިން ބޮޑު ރަށަށް ވެއްޖެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
މީގެ ކުރިން ރާއްޖޭގެ އެންމެ ބޮޑު ރަށެއްގެ ގޮތުގައި އޮތީ 609 ހެކްޓަރުގެ ލ. ގަމެވެ. ރަސްމާލެއިން މިހާތަނަށް ހިއްކާފައިވާ ބިމަކީ ގަމަށްވުރެ 107 ހެކްޓަރު ބޮޑު މިންވަރެކެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ނާޝިދު ވިދާޅުވި ގޮތުގައި ޖުމްލަ 1،150 ހެކްޓަރުގެ ބިން ހިއްކުމަށް ކަނޑައަޅާފައިވާ މި މަޝްރޫޢުގެ 62 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ މައިގަނޑު މަޝްރޫޢެއްގެ ގޮތުގައި ތަރައްޤީކުރާ މި އިކޯ ސިޓީން ޖުމްލަ 25،000 ގޯތި ދޫކުރުމަށް ނިންމާފައިވާ އިރު، ފުރަތަމަ ފިޔަވަހީގައި 15،000 ގޯތި ދޫކުރެވޭނެއެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ހުޅުވައިލި ފުރުޞަތުގައި ޖުމްލަ 58،505 ފޯމު ހުށަހަޅާފައިވާ އިރު، އޭގެ ތެރެއިން 35،930 ފޯމަކީ ފްލެޓަށް، އަދި 22،575 ފޯމަކީ ގޯއްޗަށް އެދި ހުށަހެޅި ފޯމުތަކެވެ. ގޯއްޗާއި ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު އަންނަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ޢާންމުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ