ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށްޓަކައި ކައުންސިލްތަކުގެ އިޚްތިޞާސްގައި ހިމެނޭ ބިންތައް ދައުލަތުގެ ބާރުގެ ދަށަށް ގެންދެވޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެންނަ ބިލު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ރޭ ފާސްކޮށްފި އެވެ.
ސަރުކާރަށް ތާއީދުކުރައްވާ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލު ކޮމިޓީން ފާސްކުރީ، ބިލު އަނބުރާ ގެންދިއުމަށާއި ފާސްކުރުމަށް ގޮވައިލައި ހުށަހެޅި ޕެޓިޝަންތަކަށް ރިޢާޔަތް ނުކޮށެވެ. އެހެންނަމަވެސް، ބިމުގައި ކައުންސިލުން ނުވަތަ ތިންވަނަ ފަރާތަކުން އިންވެސްޓްމަންޓެއް ކޮށްފައިވާނަމަ، ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ބަދަލެއް ދެވޭ ގޮތަށް އިޞްލާޙެއް ވަނީ ގެނެސްފަ އެވެ.
ބިލުގައިވާ ގޮތުން، ކައުންސިލްގެ އިޚްތިޞާސްގައި ހިމެނޭ ބިމެއްގައި ސަރުކާރުގެ މަޝްރޫޢެއް ހިންގުމަށްޓަކައި އެ ބިމެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ އެވެ. ޤައުމީ އިދާރާއިން ކައުންސިލަށް އެންގުމާއެކު، އެ ބިމެއް ކައުންސިލްގެ މިލްކިއްޔަތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވެގެންދާނެ އެވެ. އަދި ރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްނުވި ނަމަވެސް، ސަރުކާރުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިން ޤައުމީ އިދާރާއާ ޙަވާލުކުރަން ކައުންސިލްތަކުގެ މައްޗަށް ލާޒިމުވާނެ އެވެ.
މީގެ އިތުރުން، ސަރުކާރުން ރައްޔިތުންގެ ޖަމާޢީ މަންފާއަށް ހިންގާ މަޝްރޫޢުތަކަށް މަޤުބޫލު ސަބަބެއް ނެތި ހުރަސްއެޅޭ ފަދަ ނިންމުމެއް ކައުންސިލްތަކަށް ނުނިންމޭ ގޮތަށް ވެސް ޤާނޫނު ބަދަލުކުރަން ބިލުގައި ވަނީ ހިމަނާފަ އެވެ. ބިލުގެ މަޤްޞަދަކީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ދުވެލީގައި ކުރިއަށް ގެންދިއުމަށް ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުން ކަމަށް ބިލު ހުށަހެޅުއްވި ފަރާތުން ވަނީ ބުނެފަ އެވެ.
ކޮމެންޓު ފޮނުވާ