މާލޭގެ ގެއެއްގައި ރޭ ފަތިހު ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން އެކަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
ރޭ ފަތިހު 5:27 ހާއިރު ގ. ދޫގަސްގޭގައި ހިނގި މި ހާދިސާގައި އިންޑިއާގެ ތިން މީހަކާއި ސްރީ ލަންކާގެ މީހެއް ހިމެނޭ ގޮތަށް ޖުމްލަ ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި، އޭގެ ތެރެއިން ދެ މީހަކަށް ފަރުވާދެނީ އައިސީޔޫގައި ކަމަށާއި، އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އަނެއް ދެ މީހުންގެ ތެރެއިން އެކަކަށް ފަރުވާދެނީ ވޯޑުގައި ބާއްވައިގެންނެވެ. އަނެއް މީހާ އޮތީ އިމަޖެންސީ ރޫމުގަ އެވެ. އެންޑީއެމްއޭއިން ބުނީ އެ ހަތަރު މީހުންނަށް ވެސް ފިހުމުގެ އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.
ފަސް ކޮޓަރި ހިމެނޭ، 15 މީހުން ދިރިއުޅޭ އެ ގޭގެ ފާރެއް އިމާރާތުގެ ފެން މީޓަރު މައްޗަށް ވެއްޓި، ހޮޅިތައް ފަޅައިގެންގޮސް ފެން ލީކުވެ، މުޅި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެ އެވެ. މި ހާދިސާއާ ގުޅިގެން 41 މީހަކަށް އެންޑީއެމްއޭއިން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ.
ކޮމެންޓު ފޮނުވާ