ރިސޯޓުތަކުގެ ޖުމްލަ އާމްދަނީގެ 40 ޕަސެންޓް ދިވެހި ރުފިޔާއަށް މާރުކުރަން ޖެއްސުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ދެމެހެއްޓޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނެފި އެވެ.
މަޓީން ނެރުނު ބަޔާނެއްގައި ފާހަގަކުރި ގޮތުގައި، ރިސޯޓުތަކުން ތެލާއި މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖާއި ޓެކުހާއި ބޭރުގެ ލޯނުތައް އަދާކުރުމަށް ބޮޑެތި ހޭދަތަކެއް ޑޮލަރުން ކުރަން ޖެހެ އެވެ. އެހެންކަމުން، އާމްދަނީގެ މިހާ ބޮޑު ބައެއް މާރުކުރުމުން ވިޔަފާރިތައް ހިންގުމަށް ސީރިއަސް ދަތިތަކާ ކުރިމަތިވާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
މީގެ ކުރިން މި މަހު އެމްއެމްއޭއާ އެކު ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ 20 ޕަސެންޓް މާރުކުރާ ގޮތަށް ކަމަށާއި، އެއްވެސް މަޝްވަރާއެއް ނެތި ކުއްލިއަކަށް އެ ނިސްބަތް 40 ޕަސެންޓަށް އުފުލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް މަޓީން ބުނެފައިވެ އެވެ.
ބައެއް ރިސޯޓުތަކުން ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކޮށް، އެކްސްޗޭންޖް ރޭޓް މަތިކުރާ ކަމަށް ބުނެ ތަހުގީގީ އިދާރާތަކުން ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން މަޓީން ބުނީ، އެފަދަ އަމަލެއް ހިންގާ ކަމުގެ މައުލޫމާތެއް އެ ޖަމިއްޔާއަށް ލިބިފައި ނުވާ ކަމަށާއި، މެންބަރުން އަބަދު ވެސް ގާނޫނާއި ގަވާއިދުތަކަށް ތަބާވުމަށް ބާރުއަޅާ ކަމަށެވެ. އަދި ވަކިވަކި އޮޕަރޭޓަރުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ސަބަބުން މުޅި ސިނާއަތަށް އަސަރުކުރާ ފަދަ ސިޔާސަތުތަކެއް ކަނޑައެޅުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި، ކަޅު ބާޒާރުގެ މައްސަލަ ހަމައެކަނި ރިސޯޓުތަކާ ގުޅުވުމަކީ ހަގީގަތާ ހިލާފު ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ރާއްޖޭގައި ހިންގާ 200 ރިސޯޓުގެ ތެރެއިން 146 ރިސޯޓު ތަމްސީލުކުރާ މަޓީން ބުނީ، ގައުމީ އިގްތިސާދީ މައްސަލަތަކުގައި ސަރުކާރާއި އެމްއެމްއޭއާ އެކު އިހުލާސްތެރި މަޝްވަރާތަކެއް ކުރުމަށް އެ ޖަމިއްޔާ ތައްޔާރަށް އޮތް ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ބޭރު ފައިސާގެ ގާނޫނަށް އަމަލުކުރަން ފެށި ފުރަތަމަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން 1.7 ބިލިއަން ޑޮލަރު ބޭންކުތަކަށް މާރުކުރި ނަމަވެސް، ޑޮލަރުގެ އަގު ދަށެއް ނުވެ އެވެ. މިހާރު ޑޮލަރެއްގެ އަގު ވަނީ 23 ރުފިޔާއަށް އުފުލިފަ އެވެ.
ކޮމެންޓު ފޮނުވާ