ކުޑަކުދިންނަށް މީސް މީޑިއާ މަނާކުރަން ލަންކާއިން މަޝްވަރާ ފަށައިފި

ކުޑަކުދިންނަށް މީސް މީޑިއާ މަނާކުރަން ލަންކާއިން މަޝްވަރާ ފަށައިފި

Author
އަހުމަދު
08 ޖުލައި 2026 12:30
0

ސްރީ ލަންކާގައި 16 އަހަރުން ދަށުގެ ކުދިންނަށް މީސް މީޑިއާ ބޭނުންކުރުން މަނާކުރަން އެގައުމުގެ ސަރުކާރުން މަޝްވަރާތައް ފަށައިފިއެވެ.

ލަންކާގެ ބޮޑުވަޒީރު ހަރީނީ އަމަރާސޫރިޔާ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ވިދާޅުވީ 16 އަހަރުން ދަށުގެ ކުދިންނަށް މީސް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ނުވަތަ ހަނިކުރުމަށް ހުށަހެޅުންތައް ހޯދުމުގެ ގޮތުން މިނިސްޓްރީ އޮފް ވިމެން އެންޑް ޗައިލްޑް އެފެއާޒުން ސްޓޭކްހޯލްޑަރުންނާ އެކު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

އެ މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލެވެނީ މީސް މީޑިއާއާއި، ޑިޖިޓަލް ސެކިއުރިޓީއާއި، ދުނިޔޭގައި ހިނގަމުންދާ ޓެކްނޮލޮޖީގެ ތަރައްގީގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވާ އިޖުތިމާއީ، ނަފްސާނީ އަދި ސިއްހީ އަސަރުތަކުގެ މައްޗަށް ކަމަށް އަމަރާސޫރިޔާ ވިދާޅުވިއެވެ.

ބޮޑުވަޒީރު ވިދާޅުވިގޮތުގައި ކުޑަކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށްޓަކައި ހޭލުންތެރިކުރުމުގެ ކެމްޕޭންތައް ހިންގުމުގެ އިތުރުން، 16 އަހަރުން ދަށުގެ ކުދިންނަށް މީސް މީޑިއާ ބޭނުންކުރުން މަނާކުރުމާ ބެހޭ ގައުމީ ގައިޑްލައިންތަކެއް ޑްރާފްޓް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން 18 އަހަރުން ދަށުގެ ކުދިން މޯބައިލް ފޯނަށް ދެވިހިފުމުން ސަލާމަތްވުމަށް އެހީތެރިވެދޭ ޚާއްސަ ޕްރޮގްރާމެއްވެސް މިނިސްޓްރީ އޮފް ވިމެން އެންޑް ޗައިލްޑް އެފެއާޒުން މިހާރު ތައާރަފްކޮށްފައިވާ ކަމަށާއި، އެ ޕްރޮގްރާމުން ރަނގަޅު ނަތީޖާތަކެއް ފެންނަމުންދާ ކަމަށްވެސް އަމަރާސޫރިޔާ ފާހަގަކުރެއްވިއެވެ.

ކުޑަކުދިންނަށް މީސް މީޑިއާ ބޭނުންކުރުން މަނާކުރުމުގެ ބަހުސް މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ފުޅާވަމުންނެވެ. 2024 ވަނަ އަހަރުގެ ފަހުކޮޅު އޮސްޓްރޭލިއާއިން ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް މީސް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް ފާސްކޮށްފައެވެ. ޔޫރަޕްގެ ބައެއް ގައުމުތަކުގައިވެސް މިފަދަ ފިޔަވަޅުތަކާ ބެހޭ މަޝްވަރާތައް ދަނީ ކުރެވެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.