އާސަންދައިން ބޭރަށް ފޮނުވާ މީހުން ތިން އަހަރުން 338 މަދުވެއްޖެ: ގީލާ

އާސަންދައިން ބޭރަށް ފޮނުވާ މީހުން ތިން އަހަރުން 338 މަދުވެއްޖެ: ގީލާ

Author
އަހުމަދު
08 ޖުލައި 2026 12:34
0

އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވާ މީހުންގެ އަދަދު މިދިޔަ ތިން އަހަރުގެ ތެރޭގައި މަދުކުރެވިފައިވާކަމަށް ހެލްތު މިނިސްޓަރު ޑރ. ގީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ގީލާ ވިދާޅުވީ 2023 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރުގެ ނިޔަލަށް އާސަންދައިން ބޭރަށް ފޮނުވި މީހުންގެ އަދަދު 338 މަދުކުރެވިފައިވާކަމަށާއި، މިއީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ލިބުނު ކާމިޔާބީއެއް ކަމަށެވެ.

"މީ ސިއްހީ ހިދުމަތް ފުޅާކުރުމާއި ރާއްޖޭގައި ހުރެގެން ބޭސްފަރުވާ ކުރެވޭނެ ލުއި ގޮތް ފަހި ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާ،" ގީލާ ވިދާޅުވިއެވެ.

އެހެންނަމަވެސް، މި އަދަދު އިތުރަށް ދަށްވިޔަ ނުދިނުމުގައި އެންމެ ބޮޑު ހުރަހަކަށްވެފައި އޮތީ ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ބޭރަށް ފޮނުވަން ޖެހޭ މީހުންގެ އަދަދު ގިނަވުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ކެންސަރު ބަލީގެ މީހުން ބޭރަށް ފޮނުވަން ޖެހުނު އަދަދު ދަށްވިނަމަ، 2023 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ބޭރަށް ފޮނުވި މީހުންގެ ޖުމްލަ އަދަދު 821 މީހުންނަށް މަދުކުރެވުނީސްކަމަށް ގީލާ ވިދާޅުވިއެވެ.

އާސަންދައިން ރާއްޖެއިން ބޭރަށް އެންމެ ބޮޑު ހޭދައެއް ކުރެވެނީވެސް ކެންސަރު ބަލީގެ މީހުންނަށްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކެންސަރު ފަރުވާއަށް ބޭރަށް ފޮނުވާ ބަލި މީހުންގެ ތެރޭގައި ތަކުރާރުކޮށް ފޮނުވަން ޖެހޭ ބަލި މީހުންނާއި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންވެސް ހިމެނޭ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.