ސުވާލު ސާފުނުވުމުން ސޯބެ ރަސްމީ ބަހުރުވައަށް ރުޖޫޢަވެއްޖެ

ސުވާލު ސާފުނުވުމުން ސޯބެ ރަސްމީ ބަހުރުވައަށް ރުޖޫޢަވެއްޖެ

Author
އަހުމަދު
08 ޖުލައި 2026 12:33
0

ހެލްތު މިނިސްޓަރު ގީލާ އަލީ އެދިވަޑައިގަތުމާ ގުޅިގެން، އައްޑޫ ބަހުރުވައިން ސުވާލުކުރައްވަމުން ގެންދެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުالله ސޯދިގު (ސޯބެ)، މިއަދު ރައްޔިތުންގެ މަޖިލީހުގައި ރަސްމީ ބަހުރުވައިން ސުވާލުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ފަހުން މުޅިން ވެސް އައްޑޫ ބަހުރުވައިން ވާހަކަދައްކަވަމުން ގެންދަވާ ސޯބެ، ވަޒީރުންނާ ސުވާލުކުރެއްވުމުގެ ވަގުތުގައި މިއަދު ވެސް ފުރަތަމަ ސުވާލުކުރެއްވީ އައްޑޫ ބަހުރުވައިންނެވެ. ނަމަވެސް އެ ސުވާލު ފުރިހަމަ އަށް ސާފުނުވާ ކަމަށާއި، ޖަވާބުދެއްވުމަށް ދަތިވެދާނެތީ "ސާފުވާނެ ގޮތަކަށް" ސުވާލު ކުރެއްވުމަށް ގީލާ އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑު އެދެނީ އަޅުގަނޑަށް ހަމަ ފުރިހަމަ އަށް ސާފުވާނެ ގޮތަކަށް އިއްޒަތްތެރި މެންބަރު އެ ސުވާލު އެގޮތަށް ކުރެއްވުން. އެހެންނޫނީ އަޅުގަނޑަށް ޖަވާބުދިނުމުގައި ކޮންމެވެސް ކަހަލަ ދަތިތަކެއް ހުރެދާނެތީ އެ ވާހަކަ އިއްޒަތްތެރި ރައީސަށް ދަންނަވަން،" ގީލާ ވިދާޅުވި އެވެ.

އޭނާ އެގޮތަށް އެދިވަޑައިގެންނެވުމުން، ދެވަނަ ފަހަރަށް ސުވާލު ކުރެއްވުމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ސޯބެ އަށް ފުރުސަތު ދެއްވި އެވެ. އެ ފުރުސަތުގައި ސޯބެ ސުވާލު ކުރައްވަން ފެއްޓެވީ ރަސްމީ ބަހުރުވައިންނެވެ. ނަމަވެސް ވަކި ހިސާބަކުން އަނެއްކާ ވެސް އައްޑޫ ބަހުރުވައަށް ބަދަލުކުރެއްވި އެވެ.

"އަސްލު އެހެން ވާނޭ، މާލެއަށް އައިސް މާލޭ ބަސް ދަސްކުރަމުން މިދަނީ،" ބައެއް މެންބަރުން އެކަން ފާހަގަކުރެއްވުމާ އެކު ސޯބެ ވިދާޅުވި އެވެ.

ސޯބެ އައްޑޫ ބަހުރުވައިން ސުވާލުކުރެއްވި ފުރަތަމަ ދުވަހު ވެސް، އެ ސުވާލު ސާފު ނުވާ ކަމަށް ގީލާ ވިދާޅުވުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔައިފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

"ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ކޮންމެ ރަށަކަށް ނިސްބަތްވިޔަސް، ދިވެހި ބަހުގެ ކޮންމެ ބަހުރުވަޔަކުން މުހާތަބުކުރެއްވިޔަސް ޖަވާބުދާރީ ވާން ޖެހޭނެ. އައްޑޫ ބަހުން މެންބަރަކު ސުވާލުކުރެއްވުމުން އެއީ މާ މަޖާ ކަމަކަށްވެ، ސުވާލުކުރެއްވި މެންބަރަށް ރައްދުވާ ގޮތަށް ދެއްވި ޖަވާބަކީ އައްޑޫ ހުރިހާ ރައްޔިތުންނަށް ކުރެއްވި މަލާމާތެއް،" ޖޫން 23 ގައި ބޭއްވި ޖަލްސާއަށް ފަހު ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

ނަމަވެސް ޝާހިދުގެ އެ ވާހަކައަށް ރައްދު ދިން ބައެއް މީހުން ބުނީ، އެންމެންނަށް ހުރިހާ ބަހުރުވައެއް ނޭނގޭނެ ކަމަށާއި، ޖަވާބު ދެވޭނީ އެނގޭ ބަހުރުވައަކުން ސުވާލުކުރުމުން ކަމަށެވެ. އަދި ވަޒީރުކަން ކުރާ ކޮންމެ މީހަކަށް ދިވެހި ބަހުގެ ހުރިހާ ބަހުރުވައެއް އެނގެން ޖެހޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވެސް އެ މީހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.