މަސްތުވާތަކެތީގެ ފައިސާގައި ޝާމިލުވާ މީހުންނަށް މަނީލޯންޑަރިންގެ ދައުވާ ކުރަން ފަށައިފި

މަސްތުވާތަކެތީގެ ފައިސާގައި ޝާމިލުވާ މީހުންނަށް މަނީލޯންޑަރިންގެ ދައުވާ ކުރަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
20 މާރޗް 2021 08:36
0

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ ވެސް ކުރަން ފަށައި އެގޮތަށް ފުރަތަމަ ދައުވާ އުފުލާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންގެ އިތުރުން އެ ވިޔަފާރީގައި ޝާމިލުވާ މީހުންނާއި މެދު ދައުވާ ކުރަން ފެށުމަކީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފެށޭ ފެށުމެއްކަމަށް ޝަމީމް ވިދާޅުވިއެވެ. ޝަމީމްގެ އަމިއްލަ ބްލޮގުގައި ލިޔުއްވި ލިޔުމެއްގައި ވިދާޅުވީ މިބާވަތުގެ ފުރަތަމަ މައްސަލަ، 18 މާރިޗު ގައި ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ. ޕީޖީ ވިދާޅުވީ މަސްތުވާތަކެތި އަތުލައިގަތް މައްސަލައެއްގައި، ފައިސާ ދައުރުކޮށްފައިވާ ގޮތް ބަލައިގެން، އެކަމުގައި ޝާމިލުވާ މީހުންގެ މައްޗަށް މަނީ ލޯންޑްރިންގެ ދަޢުވާ ހުށަހަޅައިފައިވާކަމަށެވެ.

މިހާރު ހީވެފައި އޮންނަނީ، މަސްތުވާތަކެތީގައި 'އަތްނުލާ' އުޅޭ މީހުންނަށް ސަލާމަތް ވެވޭނެޔޭ. އެމަގު މިއުޅެނީ ބަންދު ކުރަން. އަތް ނުލިޔަސް، ފައިސާ ބޭނުންކުރަންޏާ، އެމައްސަލަ ތަހުޤީޤުކޮށް ދައުވާ ކުރެވެން އޮތް މީހުންނަށް ދައުވާ ކުރަން.

– ޕީޖީ ވިދާޅުވިއެވެ.

މި ބާވަތުގެ ފުރަތަމަ މައްސަލައިގައި 18 މާރިޗު 2021 ގައި ކުރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. މިގޮތުން ހުށަހަޅާފައިވަނީ ގދ. ތިނަދޫ، ރަންގަލް، ޙަސަން ލޫޠްއާއި، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45، ޙަސަން ރަޝީދާއި، ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާޢީލް ޝަރީފްއާއި، މއ. ހަސްލަތު، ޝަނިޔާ އިބްރާހީމް، 12 ޖަނަވަރީ 2021 ވަނަ ދުވަހު އިތުރު ބަޔަކާ ގުޅިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތި ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވިގެން މާލޭގެ 04 ގެއެއް ބަލައިފާސްކޮށް ފުލުހުން ހިނގި އޮޕަރޭޝަންގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލާގައެވެ. އެމައްސަލައިގައި، އިސްމާޢީލް ޝަރީފާއި، ޝާނިޔާ އިބްރާހީމާއި ޙަސަން ރަޝީދާއި، ޙަސަން ލޫޠުގެ މައްޗަށް، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާ ވާނީ ހުށަހަޅާފައިވާކަމަށް ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ މަސްތުވާތަކެއްޗާބެހޭ މައްސަލައަށް ޖުމްލަ ޙައްލެއް ގެނެވޭނީ، މިދާއިރާގައި ޙަރަކާތްތެރިވާ ހުރިހާ މުއައްސަސާތަކުން އެއްކޮށް، ބާރަށް މަސައްކަތް ކޮށްގެން ކަމަށެވެ. އެމަސައްކަތް، ނައިބް ރައީސްގެ ބެއްލެވުމުގެ ދަށުން އެބަ ކުރިއަށް ދާކަމަށާއި، މިމަސައްކަތުގައި އެން.ޖީ.އޯތަކާއި ޢާންމުންގެ ބައިވެރިވުންވެސް ބޭނުންވާކަމަށް ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ އަމާޒަކީ މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް ޖިނާއީ ޢަދުލުގެ ނިޒާމުން ކުރާ މަސައްކަތުގެ މައިގަނޑު ފޯކަހަކީ، މަސްތުވާތަކެތީގެ ވިޔަފާރިން މަންފާވާ، އެކަމުގެ އަޞްލު ‘ވިޔަފާރިވެރިން’ ފަހަތުން ދިއުމަށް ހެދުންކަމަށެވެ. ހަމައެކަނި އެމީހުން އަތުން ފެންނަ ފައިސާއެއް ނޫނެވެ. އަދި އެމީހުންގެ ވިޔަފާރިތަކާއި، ވެހިކަލްތަކާއި، އެނޫންވެސް ހުރިހާ މުދަލެއް، މަނީ ލޯންޑްރިންގ ޤާނޫނު ބޭނުންކޮށްގެން ދައުލަތަށް ނެގުންކަމަށެވެ.

އޭނާ ލިޔުއްވާފައިވާ ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްގެ އަންބަކު، އޭނާގެ ފިރިމީހާ ފައިސާ ހޯދާ ތަނެއް ނޭނގޭކަމަށް ބުނުމަކީ ގަބޫލުކުރަން ދަތި ކަމެކެވެ. ފައިސާ ލިބޭ ގޮތް ނޭނގޭކަމަށް ބުނާއިރު، އެ ފައިސާ، ޝައްކު އުފެދޭ ކަންކަމަށް ބޭނުންކޮށްފައި ހުރިކަން ތަހުގީގަށް ފެންނަ ކަމަށް ވެސް ވިދާޅުވި އެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ލިބިދޭންޖެހޭ ފަރުވާގެ ކަންތައް ވީހާވެސް ލުއިފަސޭހަކޮށްދީ، ޖިނާއި ޢަދުލުގެ ނިޒާމުގެ ތެރެއިން އެމީހުންނަށް ޒިންމާދާރު މީހެއްގެ ގޮތުގައި ނުކުމެވޭނެ މަގެއް ހޯދައިދިނުމަކީ އެންމެ ބޮޑު އަމާޒުކަމަށެވެ. އެމަގުން ނުނިކުމެ، ނުވަތަ ނުކުމެ، އަލުން ކުށްކުރުމުގެ ތެރެއަށް ހިނގައްޖެނަމަ، ދެން އިތުރު ފުރުޞަތެއް ނުދިނުމަކީ އަމާޒުކަމަށް ޕީޖީ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.